16 May 2014, 14:59
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ މިޔަންމާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން އޭއެފްސީ ކަޕުގައި ވާދަކުރަމުންދާތީ މުބާރާތަށް ތައްޔާރުވާން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމަށް އެ ޓީމުގެ ކޯޗު ރަޑޮޖްކޯ އަވްރަމޮވިޗް ބުނެފި އެވެ.
ޗެލެންޖް ކަޕުގައި ވާދަކުރުމަށް ރާއްޖެ އައިސް، މިއަދު މެންދުރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން އަވްރަމޮވިޗް ބުނީ، ކޯޗެއްގެ ގޮތުން ތަޖުރިބާތަކެއް ހުރި ނަމަވެސް މި މުބާރާތަކީ މުޅިން ތަފާތު މުބާރާތެއް ކަމަށެވެ.
"ޓީމުގެ ގިނަ ކުޅުންތެރިންތަކަކީ މި އަހަރުގެ އޭފްއެފްސީ ކަޕުގައި ވެސް ވާދަކުރަމުންދާ ކުޅުންތެރިން. އެހެންކަމުން ތައްޔާރުވާން އަހަރެމެންނަށް ލިބުނީ ކުޑަ ދުވަސްކޮޅެއް. ކޯޗެއްގެ ގޮތުގައި ތަޖުރިބާތަކެއް ހުރި ނަމަވެސް، މިއީ ތަފާތު މުބާރާތެއް. ވާދަކުރަން ޖެހޭނީ ތަފާތު ޓީމުތަކާ. ހުރިހާ ކަމެއް ވެސް ތަފާތު ވާނެ. ކޮންމެ ޓީމަކަށް ވެސް މޫސުމުގެ މައްސަލައާއި ކުރިމަތިލާން ޖެހޭނެ،" މިޔަންމާގެ ކޯޗު ބުންޏެވެ.
މިޔަންމާ ގައުމީ ޓީމުގެ ކޯޗު އަވްރަމޮވިޗް އަކީ 2003 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ސިންގަޕޫރު ގައުމީ ޓީމަށް އިރުޝާދުދިން ކޯޗެވެ. ސިންގަޕޫރުގެ އިތުރުން ކުވޭތު ގައުމީ ޓީމަށް ކޯޗުކޮށްދިން އަވްރަމޮވިޗް މިޔަންމާ ޓީމާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
މިޔަންމާ ޓީމުގެ ހުރިހާ ކުޅުންތެރިން މިއަދު ރާއްޖެ އައިސްފައިވާ އިރު، އެ ޓީމަށް މަރުހަބާ ކިޔުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އިޒްހާމް އަހްމަދާއި އެ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މިޔަންމާ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ މޫކައި ހޮޓެލްގަ އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މިޔަންމާ އެންމެ ފުރަތަމަ ކުޅެން ޖެހޭނީ ރާއްޖެ އާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މުބާރާތް ހުޅުވާ އެ މެޗު ފެށޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ފަލަސްތީނާއި ކިރްގިސްތާނެވެ.
މިޔަންމާ ޓީމު ރާއްޖެ އައުމަށްފަހު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ފަރިތަކުން މިއަދު ހަވީރު 6:00ގައި ހެންވޭރު ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.