މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސައިން ނައީމާއި އެ ކުންފުނީގެ ފައިނޭންސް ހެޑް އަހުމަދު ނާޒިމް މަގާމުން ވަކިކޮށްފި އެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

މަގާމުން ވަކިކޮށްފައިވާ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ހުސައިން ނައީމް މިއަދު "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބެއް ނޭނގޭ ކަމަށާއި އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކުރި ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ހުސައިން ނައީމަކީ އެމްޕީއެލަށް 22 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުންފުނީގެ ފައިނޭންސް ހެޑް އަހުމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެ މަގާމު އުވާލުމަށް ކުންފުނިން ނިންމައިގެން ކަމަށެވެ. އަދި އޭނާގެ މަގާމު އުވާލީ ކީއްވެގެން ކަމެއް ކުންފުނިން އަންގާފައި ނުވާ ކަމަށެވެ.

އެމްޕީއެލްގެ މިހާރުގެ ސީއޯއަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަގާކުން ވަކިކުރި މަހުދީ އިމާދެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ، ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެވެ. ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ލަތީފެވެ.

ރައީސް ވަހީދުގެ ވެރިކަމުގެ ކުރީކޮޅު އެމްޕީއެލްގެ ސީއީއޯއަކަށް މަހުދީ އިމާދު ހުންނަވަނިކޮށް، އޭނާ މަގާމުން ވަކިކުރެއްވީ އޭނާގެ މުސާރަ އެއް ލައްކަ ރުފިޔާ އަށް ބޮޑު ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އޭނާގެ މުސާރައަކީ 62000 ރުފިޔާ އެވެ.