ޕްރޮސެކިއުޓާ ޖެނަރަލާއި އޭނާގެ ނާއިބްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒަހީރު ވިދާޅުވެފައިވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ހަމަޖިހިފައިވާ އުސޫލުގެ މަތިން މަހާޒުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މަހާޒު އޭނާގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންނުކޮށް ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ.

އޭނާ އެހެން ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިންނެވެ.

މަހާޒް ވިދާޅުވެފައި ވަނީ ޖިނާއީ ދައުވާތަކަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫން ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލުކުރާކުރުމަކީ ގާނޫނުއަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތް ތަމްސީލު ކުރުން ކަމަށާއި ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތީސް އެކަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.