16 May 2014, 14:15
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އިން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މިދިޔަ އަހަރުގެ ނިޔަލަށް 14.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތަކުގެ ތެރޭގައި އެކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނީގެ ދަތުރުފަތުރާ ބެހޭ ޑިޕާޓްމެންޓްގެ ހިދުމަތްތަކުގެ ނަންތައް ރީ ބުރޭންޑް ކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ ހުޅުމާލޭ ފެރީގެ ހިދުމަތައް ދަތުރުކާޑު ތައާރަފް ކުރެވިފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ހުޅުމާލޭގެ އާބާދީ ބޮޑުވާތީ ހުޅުމާލެއަށް ހިދުމަތް ދިނުމަށް އިތުރު ފެރީތަކެއް މިދިޔަ އަހަރު އިތުރު ކުރެވިފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފެރީއެއް ކަމެއް ނުބުނެ އެވެ.
އެމްޓީސީސީއިން ބުނީ އެކުންފުނިން ފެރީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިއިރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުރި މިންވަރާ އަޅާބަލާއިރު މިހާރު ތެލާއި ތަކެތީގެ އަގުތައް އެތައް ގުނައެއް ބޮޑުވެފައިވީ ނަމަވެސް އެ ކުންފުނިން ޓިކެޓްގެ އަގަށް ބަދަލެއް ނުގެންނަ ކަމަށް ބުނެފައިވެ އެވެ.
އެކުންފުނިން ބުނީ، ދަތުރުފަތުގެ ދާއިރާއަކީ އެކުންފުއްޏަށް މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދާއިރާއެއްކަމުން އެ ގެއްލުންތައް ފޫބެއްދުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން ކޮންމެ މަހަކު 3.5 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެމްޓީސީސީން 2003 ވަނަ އަހަރު ހުޅުމާލެ އާއި މާލެ އާއި ދެމެދު ފެރީގެ ހިދުމަތް ފެށިއިރު ދުވާލަކު 1860 މީހުން އުފުލި ނަމަވެސް މިހާރު ދުވާލަކު 30500 މީހުން އުފުލާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިން 400 ފެރީ ބޭނުންކުރިއިރު މިހާރު 1320 ފެރީ ބޭނުން ކުރާ ކަމަށް ބުނެފައިވެ އެވެ.
ދަތުރުފަތުގެ ހިދުމަތް ރަނގަޅު ކުރުމަށް ބޮޑު ހަރަދުތަކެއް ކުރާކަމަށް އެމްޓީސީސީއިން ބުނާއިރު އެކުންފުނިން ހުޅުމާލެ އާއި މާލެ އާއި ދެމެދު ކުރާ ދަތުރުފަތުރުގެ ނިޒާމާ މެދު އާންމުގެ ބޮޑު ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ފެންވަރު ރަނގަޅު ފެރީތަކެއްގައި "ތޮއްނުޖެހި" ހިދުމަތް ނުލިބޭތީ އެވެ.