16 May 2014, 14:00
ކ. މާދިއްގަރު ފަރުކައިރިން އިންޖީނު ހުއްޓުނު މުދާ އުފުލާ ދޯންޏެއް ދިޔަވެ، ދިޔަގަނޑު ކޮންޓްރޯލްނުވެ މުދަލާއި އެކު ދޯނި އަޑިޔަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ކެޕްޓަން އަލީ އިހްސާން ވިދާޅުވީ، ހޯކްސް ކުންފުނީގެ "ރަހުމަތު" ނަމަކަށް ކިޔާ 75 ފޫޓުގެ އެ ދޯނި ދިޔަވަމުންދަނިކޮށް، ދިޔަގަނޑު ކޮންޓްރޯލްނުވެ އަޑިޔަށް ގޮސްފައިވަނީ މިއަދު މެންދުރު 12:40 ހާއިރު ކަމަށެވެ.
ދޯނި ދިޔަވާން ފެށި އިރު، ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި އެ އެންމެން ވެސް ތިބީ ދޯނި ދިޔަ ވާން ފެށުމުން ލައިފް ޖެކެޓް އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތިން ފަޅުވެރިން ވެސް ހޯކް ކުންފުނީގެ ލޯންޗަކަށް ނަގާފައިވާ ކަަމަށް އިހްސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ، ޖަންބޯ ދަބަސްތަކެއް ބަރުކޮށްފައި ހުރި އެ ދޯނި އެ މުދާތަކާއި އެކު އަޑިޔަށް ދިޔަޔަސް ދޯންޏަށް ބަރުކޮށްފައި ހުރީ ކިހާ އަދަދެއްގެ މުދާކަމެއް ނޭންގޭ ކަމަށެވެ.