ވޮޝިންޓަން (މޭ 16) : ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާއާއި ވިއެޓްނާމް އާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދުގެ އެންމެ އިންޗިއެއް ވެސް ދޫކޮށްނުލާނެ ކަމަށް ޗައިނާ ބުނެފި އެވެ.

ޗައިނާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލްފެންގް ފޭންގްވީ ވިދާޅުވީ ވިއެޓްނާމުން އެގައުމުގެ ސަރަހައްދެއް ކަމަށް ދައުވާކުރާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ޗައިނާގެ ކަނޑުގެ ބައެއް ކަމަށާ އެސަރައްދުގެ އެންމެ އިންޗިއެއް ވެސް ޗައިނާ އިން ދޫކޮށްނުލާނެ ކަމުގަ އެވެ. އެސަރަހައްދުގައި ތެލާއި މައުދަންތައް ހުރިތޯބެލުމަށް ސާވޭކުރުމުގެ ހައްގު ޗައިނާ އަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި ޗައިނާގެ އަސްކަރީ މަސްއޫލުވެރިޔާގެ ވަނީ އެދެގައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދުގެ ކަނޑުގެ ބިމުގެ އަޑީގައި ތެޔޮހުރިތޯ ބެލުމަށް ޗައިނާއިން އުޅަދެއް ފޮނުވި މައްސަލަވެސް ދިފާއުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ޗައިނާއާއި ވިއެޓްނާމާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ކަނޑުގެ އެސަރަހައްދުގެ ބިން ތޮރުފައިގެން ތެޔޮހުރިތޯ ބެލުމަށް އުޅަނދެއް ފޮނުވުމާ ގުޅިގެން ވިއެޓްނާމުގެ އެތައް ހާސްބަޔަކު މީގެ ދެތިން ދުވަސްކުރިން ފެށިގެން ގެންދަނީ ޗައިނާއާ ދެކޮޅަށް އިހްތިޖާޖްކޮށް ވިއެޓްނާމުގައިވާ ޗައިނާގެ ވިޔަފާރީގެ މަސްލަހަތުތަކަށް ހަމަލާދިނުމުގެ އަމަލުތައް ހިންގަމުންނެވެ.

މިއިހްތިޖާޖްތައް ހޫނުވުމާއެކު ވިއެޓްނާމުގެ އެކްޓިވިސްޓުން ވަނީ ވިއެޓްނާމްގައިވާ ޗައިނާގެ އިންވެސްޓްމަންޓްތަކަށް ނިސްބަތްވާ ކާރުޚާނާ ތަކެއްގައި އަލިފާންޖަހައި އަންދާވެސްލާފަ އެވެ. ޗައިނާއާ ދެކޮޅަށް ވިއެޓްނާމުގައި ހިންގި މިހަމަނުޖެހުންތަކުގައި ވިއެޓްނާމުގެ 21 މީހަކު މަރުވެފައިވާ ކަމަށް ވިއެޓްނާމުގެ އަނަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ. (ރޮއިޓާސް)