ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކައިރިޔަށް މީހުން އެއްވެ މަޖިލީހުގެ މެންބަރުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ހުރަސް އަޅައި ބައެއް މެންބަރުންނަށް ޖިސްމާނީ އަނިޔާތައް ދީފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސޮއިކުރައްވާ ނެރުއްވިވެވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޑިމޮކްރަސީގައި ހިޔާލު ތަފާތު ވުން އެއީ އޮންނަން ޖެހޭ ކަމެއް ކަމަށާއި ޝުއޫރު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަ ކަމެއް ކަމަށެވެ.


ނަމަވެސް ޝާހިދުގެ ނޫސް ބަޔާނުގައި  ވިދާޅުވެފައި ވަނީ ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ހުތުރު ބަސްތަކުން ޝުއޫރު ފާޅުކޮށް ގަޔަތް އަތްލާ ހިސާބަށް ގެންދިއުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.


"... ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި މަޝްވަރާގެ ރީތި އުސޫލު ކުރިޔަށް ނެރެ ކަންކަން ހައްލު ކުރުމަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ލިބިދިނުމަކީ ކަންކަން ހައްލު ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައި އަޅުގަނޑު ދެކޭވާހަކަ ދަންނަވަމެވެ،" ޝާހިދުގެ ނޫސް ބަޔާނުގައި ވެއެވެ.