16 May 2014, 13:31
މިދިޔަ 10 އަހަރު އިންޑިއާގައި ވެރިކަން ކުރަމުން އައި ކޮންގްރެސް ޕާޓީގެ މައްޗަށް ނަރެންދާ މޮޑީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކުރި ހޯދައިފި އެވެ.
މިއަދުގެ ވަގުތެއްގައި އިންތިހާބުގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރާ އިރު، މިހާރުގެ ވަގުތީ ނަތީޖާތަކުން ދައްކަނީ ބީޖޭޕީ އަށް ރައްޔިތުން މަޖިލީހުގެ 272 ގޮނޑި އަށް ވުރެ ގިނަ ގޮޑި ލިބޭނެ ކަމަށެވެ.
އިންޑިއާގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަޖިލީހުގެ 543 ގޮޑީގެ ތެރެއިން 272 ގޮޑިއެއް ކާމިޔާބުކުރަންޖެހެ އެވެ.
ބީޖޭޕީން ކޮންގްރެސްގެ މައްޗަށް ކުރި ހޯދުމާއި ގުޅިގެން، ކޮންގްރެސްގެ އިސް ލީޑަރެއް ކަމަށްވާ، ރަޖީވް ޝުކްލާ ވިދާޅުވެފައި ވަނީ، "ބަލި ގަބޫލުކޮށްފައިވާ ކަމަށާއި އިދިކޮޅު ޕާޓީގެ ގޮތުގައި ތިބޭނެ" ކަމަށެވެ.
ބީޖޭޕީ އަށް އިންތިހާބުގައި ލިބުނު ކާމިޔާބީ އާ އެކު ބީޖޭޕީގެ ލީޑަރު ނަރެންދާ މޮޑި ދެން ވާނީ އިންޑިއާގެ އާ ޕްރައިމް މިނިސްޓަރަށެވެ.