16 May 2014, 13:18
ފީފާ ރޭންކިންގައި ރާއްޖެއަށް ވުރެ ހަ ދަރަޖަ ކުރީގައި އޮތް ކިރިގިސްތާން އެންމެ ފުރަތަމަ ޗެލެންޖު ކަޕަށް ކޮލިފައިވެފައި ވަނީ 2006 އެވެ. މިފަހަރަކީ ކިރްގިސްތާން މި މުބާރާތުގައި ވާދަ ކުރާ ތިން ވަނަ ފަހަރެވެ.
ކިރިގިސްތާން މިފަހަރު މުބާރާތަށް ކޮލިފައިވެފައިވަނީ، ކޮލިފައިން ގްރޫޕް ބީގައި ޕާކިސްތާނާއި މަކާއޯއާއި އަދި ތަޖަކިސްތާނާ ވާދަކޮށް ކޮންމެ މެޗެއްގައި ވެސް އެއް ގޯލުގެ ލީޑެއް ހޯދައިގެންނެވެ. އެ ތިން ގައުމާ އެކު ކުޅެ ކޮންމެ މެޗެއް ވެސް ކިރްގިސްތާން ނިންމައިލީ 1-0 އިންނެވެ.
މިހާތަނަށް ކިރިގިސްތާން އޭއެފްސީ ޗެލެންޖު ކަޕުގައި އަށް މެޗު ކުޅުނުއިރު، ހަތަރު މެޗުން މޮޅުވެ ހަތަރު މެޗުން ބަލިވެ، ހަ ގޯލް ޖަހައި ޓީމު ކޮޅަށް ނުވަ ގޯލް ވަދެފައިވެއެވެ. މިހާތަނަށް ޗެލެންޖު ކަޕުގައި ކިރިގިސްތާނަށް ހޯދިފައިވާ ކާމިޔާބީއަކީ 2006 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ތިން ވަނަ ލިބުމެވެ.
ބައިނަލްއަގުވާމީ މުބާރާތެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ކިރްގިސްތާން ހޯދާފައި ވަނީ ރާއްޖެއާ ދެކޮޅަށެވެ. އެއީ ޖޫން 13، 1997 ވަނަ ދުވަހު ރާއްޖެ ކޮޅަށް ހަ ގޯލް ޖަހައި މިހާތަނަށް ގައުމީ ފެންވަރުގައި އެ ޓީމުން ހޯދި ރެކޯޑެވެ.
ނަމަވެސް މިހާތަނަށް އެ ޓީމަށް އެންމެ ބޮޑު ބައްޔެއް ވެފައި ވަނީ ވެސް އެ އަދަދަށް އެ ޓީމު ކޮޅަށް ލަނޑު ވަދެގެންނެވެ. އެއީ ހަމަ އެ އަހަރު ޖޫން 4 ގައި އީރާނުން އެ ޓީމު ކޮޅަށް ޖެހި ހަ ލަނޑެވެ.
ކިރްގިސްތާނަކީ މެދުތެރޭ އޭޝިޔާގެ ފެންވަރުގައި މާ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ޓީމެއް ނޫނެވެ. ކިރިގިސްތާން އެންމެ ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއް ކުޅެފައި ވަނީ އަވަށްޓެރި އުޒްބަކިސްތާނުގެ ތަޝްކަންތުގަ އެވެ.
ކިރްގިސްތާނު ޓީމުގެ ކެޕްޓަނަކީ ރުސްލާން ސިދިކޯފް އެވެ. އޭނާއަކީ 1997 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 43 މެޗު ކުޅުނު އިރު އެ ކުޅުންތެރިޔާއަށް ޖެހިފައި ވަނީ އެންމެ ގޯލެކެވެ.
މިހާތަނަށް ކިރްގިސްތާންގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔަކީ 2003 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅެމުން އަންނަ ވާދިން ކަރްޗަންކޯފް އެވެ. މި ކުޅުންތެރިޔާ ވަނި 45 މެޗު ކުޅެ ތިން ގޯލް ޖަހާފަ އެވެ.
ކިރްގިސްތާން ޓީމުން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔަކީ 2009 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ މެދުލާން މެރޮޒާލް އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 14 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފަ އެވެ.
ކިރްގިސްތާން ޓީމުގައި ހުރި އެންމެ ނުރައްކާތެރި ކުޅުންތެރިޔަކީ ގާނާއަށް އުފަން ޑޭވިޑް ބްރޫސް ތެއްޓޭ އެވެ. ކޮލިފައިންގައި ކިރްގިސްތާނުން ޖަހާފައިވާ ހުރިހާ ލަނޑެއް ޖަހާފައި ވަނީ އޭނާ އެވެ. ކިރިގިސްތާން ކޯޗަކީ 2013 ވަނަ އަހަރުން ފެށިގެން އެ ގައުމަށް ކޯޗްކޮށްދެމުން އަންނަ ރަޝީޔާގެ ރައްޔިތެއް ކަމަށްވާ ސާދީ ޑަރްވިއަންކޯފް އެވެ.
މިހާތަނަށް އޭނާގެ ކޯޗް ކަމުގައި ހަ މެޗު ކުޅެ ތިން މެޗުން މޮޅުވެ، ދެ މެޗުން ބަލިވެ، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން ކިރްގިސްތާން ބަލިވެފައި ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަލް ގުވައިތު ސްޕޯޓްސް ކްލަބްގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި 1-0 ލަނޑުންނެވެ.
ޔޫކްރެއިންގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ވެސް ކިރްގިސްތާން ޓީމުގައި ހިމެނެ އެވެ. މި ފަހަރުގެ މުބާރާތަށް ބަލާ އިރު، މުބާރާތުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ކިރިގިސްތާނު ޓީމު ވެސް ހިމެނެ އެވެ.