އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ޒޯން ސްޓޭޑިއަމްގައި ސްރިލަންކާ ސަރުކާރުގެ އެހީގައި ހަރުކުރާ ލައިޓިން ސިސްޓަމްތައް މިރޭ ހަރުކޮށް ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް "ސަން"އަށް މިއަދު ވިދާޅުވީ، ޖުމްލަ ހަތަރު ލައިޓިން ޕޯސްޓެއް މިހާރުވެސް ހަރުކޮށް ނިމިފައިވާ ކަމަށާއި އެގޮތުން ހުރިހާ ލައިޓްތައް ހަރުކޮށް މިރޭގެ ވަގުތެއްގައި ނިންމާލެވޭނެ ކަމަށެވެ. އަދި ޒޯން ސްޓޭޑިއަމަށް ބޭނުންވާ ކަރަންޓު އުފައްދާ 800 ކިލޯގެ ދެ ޖަނަރޭޓަރާއި މުބާރާތުގައި ޓީމްތައް ދަތުރު ކުރާ ބަސްތައްވެސް މިހާރު އައްޑޫއަށް ގެންގޮސް ނިމިފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް މިހާރު ވަނީ ހަދައި ނިމިފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، އައްޑޫ ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމުގެ ރަސްމިޔާތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާދިއްތަ ދުވަހުގެ ވައްގުތެއްގައި އައްޑޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްގާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގެ ގްރޫޕް ބީގައި އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ބައްދަލުކުރާނީ ތުރުކުމަނިސްތާނާއި ލާއޯސްއެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ 9:00 ގައި ބައްދަލުކުރާނީ ޕިލިޕިންސްއާއި އަފްޣާނިސްތާނެވެ.