"އޯވަ ސްޓޭ" ވުމުގެ މައްސަލައަކާ ގުޅިގެން މެލޭޝިއާއަށް ކިޔަވަން ގޮސް ހުރި ދިވެހި އަންހެން ދަރިވަރަކު މެލޭޝިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، މެލޭޝިއާގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު ވިސާ ހައްދާފައިވާ މުއްދަތު ހަމަވެ، އާ ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތެއް އިއްޔެ ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ދަރިވަރުގެ ވިސާ ގެ މުއްދަތު ހަމަވެގެން، ވިސާ އާ ނުކުރާތާ އެއް އަހަރު ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ދަރިވަރުގެ ހުރިހާ މައުލޫމާތެއް ފޮރިން މިނިސްޓްރީއާ ހިއްސާކުރުމަށް އާއިލާ އަށް އަންގާފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މެލޭޝިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާގެ ކަންތައް ފޮރިން މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ރާއްޖޭން ބޭރަށް ކޮންމެ ބޭނުމަކު ދާ ފަރާތެއްވެސް ވިސާގެ މުއްދަތައް ސަމާލުކަން ދެއްވުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

"ރާއްޖޭން ބޭރަށް ކޮންމެ ކަމަކު ވަޑައިގަންނަވާއިރު، އެ ވިސާގެ މުއްދަތައް ސަމާލުވުމަށާއި އެގައުމެއްގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވަން. އެފަދަ ހާލަތްތަކުގައި ފޮރިން މިނިސްޓްރީއަށް ވެސް މާ ބޮޑެތި ކަންތައްތަކެއް ކުރެވޭކަށް ނޯވޭ. އެއީ އެ ގައުމުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކެއް ވީމަ. އެހެންވީމަ ދެރަ ކަމެއް ވުމުގެ ކުރިން އެކަހަލަ ކަންތައްތައް ވިޔަ ނުދިނުމަށް ސަމާލުވުން އެދެން،" ފޮރިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.