ޓެލްއަވީވް (މޭ 16) : އިސްރާއީލުން އެމެރިކާއާ ދެކޮޅަށް ޖާސޫސުކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލް ވިދާޅުވެއްޖެ އެވެ.

އިސްރާއީލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެގްލް ވިދާޅުވީ، އިސްރާއީލުން ފުޅާދާއިރާއެއްގައި އެމެރިކާއާ ދެކޮޅަށް ޖާސޫސީ ހަރަކާތްތަކެއް ދާދިފަހުން ހިންގާފައިވާކަން ހާމަކޮށް ނިއުސްވީކް މަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓުގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމުގަ އެވެ.

ނިއުސްވީކް މަޖައްލާގެ އެންމެ ފަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި އެމެރިކާގެ އިސް ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ބުނެފައިވަނީ، އިސްރާއީލުން ފުޅާދާއިރާއެއްގައި އެމެރިކާއާ ދެކޮޅަށް ޖާސޫސުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގަ އެވެ.

މި ހަބަރުތަކާ ގުޅިގެން އިސްރާއީލުގެ މިހާރުގެ ދިފާއީ ވަޒީރު މޯޝޭ ޔުއާލޫން ވިދާޅުވެފައިވަނީ، އިސްރާއީލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޫސާދުގެ އިސްވެރިއަކަށް އޭނާ ހުންނެވި ދުވަސްވަރު އެމެރިކާއަށް އެއްވެސް ވަރަކަށް ޖާސޫސު ނުކުރުމަށް އެ އިދާރާގެ ހުރިހާ ވެރިންނަށާއި ޖާސޫސީ އެޖެންޓުންނަށް އަންގާފައިވާނެ ކަމުގައެވެ.

ނިއުސްވީކް މަޖައްލާގެ ރިޕޯޓާ ގުޅިގެން އިސްރާއީލު ސަރުކާރުން ބުނެފައިވަނި އެއީ ހަގީގަތެއް ނޫންކަމަށާ އިސްރާއީލުން އެމެރިކާއަށް ޖާސޫސުކުރާ ކަމަށްބުނެ "އަޑުތައް ފަތުރާ" މީހުންގެ މަގްސަދަކީ އެމެރިކާއާއި އިސްރާއީލާ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ގަޑުބަޑުކުރުން ކަމުގަ އެވެ.

އެމެރިކާގެ ކޯޓަކުން 1989 ގައި ވަނީ އެމެރިކާއަށް ޖާސޫސު ކުރުމުގެ ކުށް ސާބިތުވެގެން އިސްރާއީލުގެ ޔަހޫދީއެއްގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވާފަ އެވެ. ޖޮނަތަން ޕޮލަޑް ނަމަކަށްކިޔާ އެމީހާ މިހާރުވެސް ވަނީ އެމެރިކާގެ ޖަލެއްގައި އެހުކުމް ތަންފީޒުކުރުމުގެ ގޮތުން ހައްޔަރުކޮށްފަ އެވެ.

އިސްރާއީލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ސައޫދީ އަރަބިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ޖިއްދާއަށް ވަޑައިގެންފަ އެވެ. ޖިއްދާއަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އީރާނާ ދެކޮޅަށް ހުރިހާ އަރަބި ގައުމުތައް އިއްތިހާދު ވުމަށް އަރަބި ގައުމުތަކަށް ގޮވާލައްވާފަ އެވެ. ހަގްލް މިހެން ގޮވާލާފައިވާއިރު ޚުދު އެމެރިކާ ގެންދަނީ އީރާނާ ވާހަކަ ދައްކައި އެގައުމާ ގާތްވުމަށް މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)