ފާއިތުވި ތަނުގައި ގެއްލުމުގައި އެމްޓީސީސީ ހިންގި ނަމަވެސް ކުރިއަށް އޮތްތަނުގައި އެއީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށް އެމްޓީސީގެ ޗެއާމަން އިގުބާލް އާދަމް ވިދާޅުވެއްޖެ އެވެ.

ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިގުބާލް ވިދާޅުވީ، މިހާރު އެކުންފުނީގެ ވިޔަފާރި ބިނާވެފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ނޫން ވިޔަފާރިތަކަށް ނުކުތުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އަހްމަދު ޝިހާމް އަލީ ވިދާޅުވީ، ކުންފުނީގެ ހިންގުން ރަނގަޅުވެ، ވިޔަފާރި ރަނގަޅުވަމުން އަންނަ ކަމަށް ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ވެސް އެނގޭ ކަމަށާއި އިތުރު ވިޔަފާރިތަކަށް ހުޅުވާލުމުގެ ގޮތުން ކުންފުނީގެ ބިޒްނަސް ޕްލޭން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރޭގެ ޖަލްސާގައި އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 16ރ. ބަހަން ވަނީ ނިންމާފަ އެވެ.

ކުންފުނީގެ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ދެ ޑިރެކްޓަރުންގެ މުއްދަތު ހަމަވެފައިވާތީ ރޭ ވަނީ ދެ ޑިރެކްޓަރުން ވެސް އައްޔަންކޮށްފަ އެވެ.

އެ ދެ މީހުންނަކީ މ. މެއިންޑް މުހައްމަދު އިމްރާން އަދުނާނާއި މއ. ސެލީނާ ފަތުހުﷲ އިސްމާއީލެވެ. އެވެ.