16 May 2014, 10:23
އަފްޣާނިސްތާންގެ އުންމީދަކީ މުބާރާތުގެ ގްރޫޕް ބީ ފަޅިން އެއްވަނަ މަގާމް ހޯދައިގެން ސެމީ ފައިނަލުން ޖާގަ ހޯދުން ކަމަށް އެޓީމުގެ ހުނަރުވެރި ޑިފެންޑަރު އަދި ކެޕްޓަން އިސްލާމް އަމިރީ ބުނެފި އެވެ.
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް އަފްޣާން ޓީމް މިއަދު މާލެއައިސް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާ ޕޯޓުގައި ހުރެ ސަންއަށް ދިން އިންޓަވިއުގައި ކެޕްޓަން އަމިރީ ބުނީ، ޓީމުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ތިބިއިރު ހުރިހާ ކުޅުންތެރިންގެ ވެސް އުންމީދަކީ އެއްވަނަ މަގާމްގައި ސެމީ ފައިނަލުން ޖާގަ ހޯދުން ކަމަށެވެ. އަދި ގްރޫޕްގައި ވާދަކުރާ ޓީމްތަކަކީ ވަރުގަދަ ޓީމްތައް ކަމުން، ސެމީން ޖާގަ ހޯދުމަށް ވަރަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް އަމީރި ބުންޏެވެ.
"އަހަރެމެން ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން. އެކަމަކު އަހަރެމެންގެ ހުރިހާ ވެސް އުންމީދަކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދުން. ތަށި ހޯދުމާ މެދު އެއްޗެކޭ ބުނަން އަދި އަވަސް." ކެޕްޓަން އަމިރީ ސަންއަށް ދިން އިންޓަވިއުގައި ބުންޏެވެ.
މިއަދު ހެދުނު މާލެއައި އަފްޣާން ޓީމުގައި ނުވަ ކުޅުންތެރިން ހިމެނއެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން އެޓީމުގެ ބާކީ ކުޅުންތެރިން މާލެ އައުމަށް މިހާރު ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 1:45 ގައެވެ.
މިއަދު މާލެއާއި އަފްޣާނިސްތާނުގެ ނުވަ ކުޅުންތެރިން އައްޑުއަށް ދިއުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
މުބާރަތުގައި އަފްޣާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.