އަންނަ މަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ވުރެ، ރަނގަޅު އިންތިޒާމެއް އޭއެފްސީ ޗެލެންޖް ކަޕުގައި ބައިވެރިވާ ޓީމުތަކަށް ރާއްޖެއިން ހަމަޖެހޭނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު މަރާމާތު ކުރުމަށްފަހު ދަނޑުގެ ނަން "ގައުމީ ފުޓްބޯޅަ ދަނޑު" މި ނަމަށް ރީބްރޭންޑްކޮށް ރަސްމީކޮށް ހުޅުވުމަށް، ރޭ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، އަންނަ ހޯމަ ދުވަހު ފަށާ ޗެލެންޖް ކަޕަށް ރާއްޖެ އަންނަ ޓީމުތަކަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ.

"ރާއްޖެ އަށް އަންނަ ޓީމުތަކަށް އަޅުގަނޑުމެން މިދެނީ ބްރެޒިލުން ވެސް ނުލިބޭނެ ފެންވަރުގެ ހޮސްޕިޓޭލިޓީ އެއް ކަން އަޅުގަނޑު ފާހަގަކޮށްލަން. ބްރެޒިލުން ވެސް ނުލިބޭ ފެންވަރުގެ އެކޮމޮޑޭޝަނެއް ރާއްޖެ އަށް ޒިޔާރަތްކުރާ ފުޓްބޯޅަ ޓީމުތަކަށް ލިބޭނެ. ކެއުމުގެ އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވޭ ސްޕޯޓްސް އިންފްރާސްޓްރަކްޗާގެ ތެރެއިން ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ގާއިމްވެގެންދާނެ ކަމަށާއި ހެރެތެރެ ރިސޯޓުން މިހާރު ވެސް ޔޫރަޕުގެ ފުޓްބޯޅަ ކްލަބުތަކާ ވާހަކަދައްކަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެކެނީ މި ގަލޮޅު ބޯޅަ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވޭ ސްޕޯޓްސް އިންފްރާސްޓްރަކްޗާގެ ތެރެއިން ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ގާއިމްވެގެންދާނެ ކަމަށް. ހެރެތެރޭގެ މެނޭޖްމަންޓުން މިހާރު ވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދީފަ އެބައޮތް އެބޭފުޅުން މިދަނީ ޔޫރަޕްގެ އެކި އެކި ގައުމުތަކުގެ ކްލަބުތަކާ ވާހަކަދައްކަމުން ކަން،" އޭނާ ވިދާޅުވި އެވެ،

މަލީހު ވިދާޅުވީ، ޔޫރަޕްގެ ކްލަބުތަކުގެ ޕްރެކްޓިސް މެޗުތައް މާލެ އާއި އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ދިއުމަކީ މިނިސްޓަރު ދެކޭ ހުވަފެނެއް ކަމަށާއި އެކަމުން ރާއްޖެ އަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެކޭ ހުވަފެނެއް ޔޫރަޕްގެ ކްލަބުތަކުގެ ޕްރެކްޓިސް މެޗުތައް މާލެ އާއި އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ދިއުން. އެކަން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމަކަށް. ރާއްޖޭގެ އިގްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް. އަތޮޅުތެރޭގެ ތަރައްގީއަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ޓީމަށް ތާއީދުކޮށް، ގައުމީ ޓީމަށް ސަޕޯޓްކޮށް، ރަތް ކުލައިން އަޅުގަނޑުމެން އެއް ރޫހެއްގައި ރާއްޖެ އަށް މި ތަށި 30 ވަނަ ދުވަހު ކާމިޔާބުކުރުމުގެ ރޫހުގައި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.