އޭއެފްސީ ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު މަރާމާތުކުރުމަށްފަހު ދަނޑުގެ ނަން "ގައުމީ ފުޓްބޯޅަ ދަނޑު" މިނަމަށް ރީބްރޭންޑްކޮށް ރަސްމީކޮށް ހުޅުވައިފި އެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލުމުން، ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިރޭގެ ރަސްމިއްޔާތުގައި އޭއެފްސީ ޗެލެންޖް ކަޕަށް ހާއްސަކޮށްގެން ގަލޮޅު ރަސްމީ ދަނޑު މަރާމާތަށް ފަހު، އަމީން ކޮންސްޓްރަކްޝަނުން ވަނީ ޔޫތު މިނިސްޓަރާ ދަނޑު ހަވާލުކޮށްދެއްވައިފަ އެވެ. ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ދަނޑުގެ ރަމްޒީ ތަޅުދަނޑި އަމީން ކޮންޓްރަކްޝަނުގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.

ޔޫތު މިނިސްޓްރީއާ ތަޅުދަނޑި ހަވާލުކުރުމުން އެ މިނިސްޓްރީން އެ ތަޅުދަނޑު ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ އެވެ. އެފްއޭއެމްގެ ފަރާތުން މި ތަޅުދަނޑި އާއި ހަވާލުވެލެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިލްހާމް އަހްމަދެވެ.

ޔޫތު މިނިސްޓްރީން އެފްއޭއެމް އާ ހަވާލުކުރި ތަޅުދަނޑި އެ އެސޯސިއޭޝަނުން ވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާ ހަވާލުކޮށްފަ އެވެ. އޭއެފްސީގެ ފަރާތުން ގައުމީ ފުޓްބޯޅަ ދަނޑާއި ހަވާލުވެލެއްވީ ޕަވެލް ލުޒާން އެވެ.

މަރާމަތަށް ފަހު، ރަސްމީކޮށް ހުޅުވިގެން ދިޔަ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެންމެ ފުރަތަމަ މެޗަކަށް ވާނީ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި އަންނަ ހޯމަދުވަހު ހަވީރު ފަލަސްތީނާއި ކިރްގިސްތާން ކުޅޭ މެޗެވެ. ނަމަވެސް މުބާރާތް ރަސްމީކޮށް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި މިޔަންމާ އެވެ. މި މެޗު ފަށާނީ އެ ދުވަހުގެ ރޭ 9:00 ގަ އެވެ.