16 May 2014, 00:21
ޓެކްސީ ގަވާއިދުގައިވާ ގޮތަށް "ދިއްލޭ ބޯޑު" ހަރުކުރަން ޓެކްސީތަކަށް ދިން ސުންގަޑި މިރޭ 12:00 އަށް ހަމަވުމުން، ދިއްލޭ ބޯޑު ހަރުނުކޮށް ޓެކްސީ ކުރާ އުޅަނދުތައް ޓްރެފިކް ޕޮލިހުން ނުކުމެ ހުއްޓުވަން ފަށައިފި އެވެ.
ޓެކްސީ ގަވާއިދަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން ދިއްލޭ ބޯޑު ހަރުކުރަން ފަސް މަހުގެ މުއްދަތެއް ޓްރާންްސްޕޯޓް މިނިސްޓްރީން ދިނެވެ. އަދި ދެ ފަހަރެއްގެ މަތިން ދިއްލޭ ބޯޑު ހަރުކުރަން ދިން މުއްދަތު ވަނީ އިތުރު ވެސް ކޮށްދީފައިވެ އެވެ.
ނަމަވެސް މިރޭ 12:00 އާ ހަމަޔަށް ދިއްލޭ ބޯޑު ހަރުކޮށްފައި ވަނީ ނިސްބަތުން މަދު ޓެކްސީތަކުގަ އެވެ. ދިއްލޭ ބޯޑު ހަރުނުކުރާ ޓެކްސީތައް ފުލުހުން މިރޭ ދަނީ މަގުމަތިން ހުއްޓުވައި ޓެކްސީ ގަވާއިދަށް ފެތޭތޯ ބަލައި ޗެކް ކުރަމުންނެވެ.
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިސްޕެކްޓަރު ހުސައިން ސަމީރު ވިދާޅުވީ މިރޭ 12:00 ފަހުން ޓެކްސީ ގަވާއިދުގައިވާ ގޮތަށް ދިއްލޭ ބޯޑު ހަރުނުކޮށް ދުއްވާ އުޅަނދުތައް ހުއްޓުވައި، އެ ގަވާއިދުގައިވާ ހަމަތަކަށް ޓެކްސީތައް ފެތޭތޯ ފުލުހުން އަރައި ޗެކް ކުރާނެ ކަމަށެވެ. އަދި ޓެކްސީ ގަވާއިދަށް ނުފެތޭ ޓެކްސީތައް ފުރަތަމަ ފަހަރު ނަމަ 500ރ. އިން އަދި ދެ ވަނަ ފަހަރު ނަމަ 1000ރ. އިން ޖޫރިމަނާ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ ސެންޓަރުތަކުން މިރޭ "ސަން" އާ ވާހަކަދެއްކި ޓެކްސީ ޑްރައިވަރުން ބުނީ ދިއްލޭ ބޯޑު މާލެއިން ގަންނަން ނުލިބިގެން އެ ސެންޓަރުތަކުގެ ގިނަ ޓެކްސީތަކުގައި ދިއްލޭ ބޯޑު ހަރުނުކުރާ ކަމަށެވެ.
ސިޓީ ކެބް ޓެކްސީ ސެންޓަރުގެ އޮޕަރޭޓަރު، އަދި ޓެކްސީ ޑުރައިވަރު މުހައްމަދު އިސްމާއިލް މިރޭ "ސަން"އަށް ބުނީ ޓެކްސީ ބޯޑު ހަރުނުކުރެވިގެން އުޅެނީ ޓެކްސީ ބޯޑު ގަންނަން ނުލިބިގެން ކަމަށެވެ. މާލޭގައި ދިއްލޭ ބޯޑު ވިއްކާ ތިން ފަރާތަށް ވެސް ގުޅުމުން ވެސް އެ ބޯޑު ހުސްވެފައިވާ ކަމަށާއި އަންނަ ހަފްތާގައި ލިބޭނެ ކަމަށް ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.
"އެތައް ސަތޭކަ ޓެކްސީއެއް މި މާލޭގައި ދުއްވާއިރު، އެ ބޯޑު ހަދަން ހުއްދަ ދޭންޖެހޭނީ މި ހުރިހާ އެންމެނަށް އެ ބޯޑު ލިބޭ ގޮތައް. ޓްރާންސް ޕޯޓުން އެކަންކޮށްފައި އޮތީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް،" ސިޓީ ކެބް ޓެކްސީ ސެންޓަރުގެ އޮޕަރޭޓަރު، އަދި ޓެކްސީ ޑުރައިވަރު މުހައްމަދު އިސްމާއިލް ބުންޏެވެ.
ޖޭއާރް ޓެކްސީ ސެންޓަރުގެ ޑްރައިވަރެއް ކަމަށްވާ ހަސަން އަލީ ބުނީ އޭނާގެ ޓެކްސީގައި ވެސް ދިއްލޭ ބޯޑު ހަރުނުކުރެވިގެން އުޅެނީ ދިއްލޭ ބޯޑު މާލޭގައި ގަންނަން ނުލިބިގެން ކަމަށެވެ.
"ޑިމާންޑާ އެއްވަރަށް ޓެކްސީ ހަރުކުރާ ބޯޑު އެ ބޭފުޅުން ދުރާލައި ހަދާފައި ބަހައްޓަންވާނެ. މިވާގޮތުން އަޅުގަނޑަށް ވެސް ގެއްލުން، އަދި ޖޫރިމަނާ ވެސް ކުރާނެ،" ހަސަން އަލީ ބުންޏެވެ.
ޓެކްސީތަކުގެ މަތީގައި ހަރުކޮށްފައިވާ ދިއްލޭ ބޯޑު ކޮންޓްރޯލް ކުރަނީ ޑްރައިވަރެވެ. އެގޮތުން ހުދު ކުލައިގެ ބޯޑެއްގައި "TAXI" ޖަހާފައި ހުންނަ އެ ބޯޑު ދަތުރެއްގައި އުޅޭއިރު ދިއްލިފައި ހުންނަނީ ރަތް ކުލައިންނެވެ. އަދި ދަތުރެއްގައި ނޫޅޭނަމަ އެ ބޯޑު ދިއްލިފައި ހުންނަނީ ފެހިކުލައިންނެވެ. އެއްވެސް ދަތުރެއް ބޭނުން ނުވާނަމަ ބޯޑު ނިންވާލާފަ ވެސް ބެހެއްޓެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދިއްލޭ ބޯޑު ވިއްކުމުގެ ހުއްދަ މިއަދު ވެސް އިތުރު ބަޔަކަށް ދީފައިވާ ކަމަށާއި ޖުމްލަ ފަސް ފަރާތަކަށް މިހާރު ވެސް އެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ދިއްލޭ ބޯޑު ވިއްކާ ފަރާތްތައް ޓެކްސީ ސެންޓަރުތަކަށް އިނގޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.