ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްގެންދާ ތިން ވަނަ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަލިވީ ބުރާސްފަތި ދުވަހު ބަނގުލަދޭޝްއާ ވާދަކޮށް ދެ ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 76 ޕޮއިންޓް 74 ޕޮއިންޓުންނެވެ.

މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެފައި ވަނީ 108 ޕޮއިންޓް 89 ޕޮއިންޓުންނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް އެވެ. އިލްޔާސްގެ އިތުރުން ރާއްޖެ ޓީމުގައި ހިމެނެނީ އަލީ ފަޒްލީ އާއި މުހައްމަދު ޒިލާލް އާއި އަހުމަދު ޒަބީރު އާއި އަހުމަދު ފިރާޝް އާއި އިބްރާހިމް ރަޝްވާން އާއި ޒަކަރިއްޔާ ލަތީފް އާއި އަފްޝަން ރަޝާދު އާއި ހުސެއިން ހަލީމް އާއި އައިމަން ރަޝާދު އާއި އަހުމަދު އައުޝަން އަދި ހުސެއިން ހަލީމެވެ.

ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާ އާއި ސްރީ ލަންކާ އަދި ބަނގްލަދޭޝް އެވެ.

ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ހުކުރުދުވަހު ހަވީރު ރާއްޖެ ގަޑިން 4:15 ގައި ކުޅޭނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހެދުނު 10:15 ގައި ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.