15 May 2014, 22:48
މީގެ 15 އަހަރު ކުރިން، 1998 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވި ފަލަސްތީން އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކޮށްފައިވަނީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރު ކަމަށްވާ 2006 ވަނަ އަހަރު އެވެ. އެއީ ބަންގުލަދޭޝްގައި ބޭއްވި ޗެލެންޖު ކަޕުގަ އެވެ. އެ މުބާރާތަކީ ބައިނަލް އަގުވާމީ މެޗެއްގައި ފަލަސްތީނަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު މެޗު ކުޅުނު މުބާރާތް ވެސް މެއެވެ. އެޕްރީލް 1، 2006 ގައި ބަންގުލަދޭޝްގެ ޑާކާގައި ކުޅުނު މެޗުގައި ގުއާމްއާ ދެކޮޅަށް ފަލަސްތީނުން ވަނީ 11 ލަނޑު ޖަހާފަ އެވެ. އެއީ އެ ގައުމުގެ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ދެ އަހަރުން އެއް ފަހަރު ބާއްވާ ޗެލެންޖު ކަޕުގައި ޖެހިގެން އައި 2008 ވަނަ އަހަރާއި 2010 ވަނަ އަހަރު ފަލަސްތީން ޓީމު ކޮލިފައެއް ނުވެ އެވެ.
ނަމަވެސް 2012 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ޗެލެންޖު ކަޕަށް ފަލަސްތީން ކޮލިފައިވެ، މުބާރާތުގެ ތިން ވަނަ މަގާމު ވަނީ ހޯދާފަ އެވެ. އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖު ކަޕުގެ ފުރަތަމަ މެޗުގައި ފަލަސްތީން ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.
އެންމެ ފަހުން ނޭޕާލުގައި ބޭއްވި ޗެލެންޖުކަޕުގައި 2012 ވަނަ އަހަރު ރާއްޖެއާ އެއްގުރޫޕެއްގައި ވާދަކޮށް 2-0 އިން ރާއްޖެ މައްޗަށް ފަލަސްތީން ވަނީ ކުރި ހޯދާފަ އެވެ. ފީފާ ރޭންކިންގައި ދުނިޔޭގެ 167 ވަނައިގައި އޮތް ފަލަސްތީން އެންމެ ފަހުގެ ޗެލެންޖު ކަޕް ނިންމާލީ ސެމީ ފައިނަލާ ހިސާބުންނެވެ.
މިފަހަރުގެ މުބާރާތަށް ފަލަސްތީން ކޮލިފައިވެފައި ވަނީ ގްރޫޕު ޑީގެ އެއް ވަނަ މަގާމް ހޯދައިގެންނެވެ. ފަލަސްތީން ޓީމުން އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ފަހުދު އައްތާލެވެ. އޭނާ ވަނީ 2006 ވަނަ އަހަރުގެ ޗެލެންޖު ކަޕުގައި އަށް ގޯލް ޖަހައިގެން މުބާރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
ފަލަސްތީން ރައްޔިތެއް ކަމަށްވާ ޖަމާލް މަހުމޫދުގެ މޭސްތިރި ކަމުގައި ކޯޗިން ތަމްރީނުތައް ހޯދަމުން އަންނަ ފަލަސްތީން ޓީމު ވަނީ ޗެލެންޖު ކަޕުގައި ނުވަ މެޗު ކުޅެ، ހަތަރު މެޗުން މޮޅުވެފަ އެވެ. އަދި ދެ މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެ، 23 ކޯލް ޖަހާފައިވެ އެވެ. ފަލަސްތީން ކޮޅަށް ޗެލެންޖު ކަޕުގައި ވަދެފައި ވަނީ އަށް ގޯލެވެ.
ފަލަސްތީން އެންމެ ފުރަތަމަ ބައިނަލް އަގުވާމީ މެޗެއް ކުޅެފައި ވަނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު، މާޗް 16، 1934 ގަ އެވެ. މިސްރާ ދެކޮޅަށް ގާހިރާގައި ފަލަސްތީން ޓީމު އެމެޗުގައި ނުކުތީ ބްރިޓިޝް މެންޑޭޓަރީ ޕެލެސްޓައިންގެ ނަމުގަ އެވެ.
އެ މެޗުގައި ފަލަސްތީނުގެ މައްޗަށް މިސްރުން ވަނީ ކުރި ހޯދާފަ އެވެ. އެ މެޗު ނިމުނީ 7-1 އިން ނެވެ. އޭރުގެ ފަލަސްތީނަކީ މިހާރުގެ އުރުދުންނާއި އިޒުރާއިލް ވެސް ހިމެނޭ ގޮތުން އިނގިރޭސީންގެ ދަށުގައި އޮތް ބޮޑު ސަރަހައްދެކެވެ.
ފަލަސްތީންގެ ނަމުގައި އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ 1953 ވަނަ އަހަރު މިސްރުގެ އިސްކަންދަރިއްޔާގަ އެވެ. މިސްރާ ދެކޮޅަށް ކުޅުނު އެ މެޗުގައި ފަލަސްތީނުގެ މައްޗަށް މިސްރުން ވަނީ ހަތް ލަނޑުގެ ލީޑެއް ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ. ފަލަސްތީނަށް އެ މެޗުގައި ޖެހުނީ އެންމެ ލަނޑެކެވެ.
މިހާތަނަށް ފަލަސްތީނަށް ހޯދިފައިވާ އެންމެ ރަނގަޅު ކާމިޔާބީއަކީ 1999 ވަނަ އަހަރު އުރުދުންގައި ބޭއްވި ޕޭން އަރަބް ގޭމްސުން ތިން ވަނައެވެ.
ފަލަސްތީނު ޓީމަކީ މި ފަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ. މުބާރާތުގައި ދިިވެހި ގައުމީ ޓީމަށް އެންމެ ވަރުގަދަ ފައިޓެއް ދޭނެ އެއް ޓީމަކީ ފަލަސްތީނު ޓީމެވެ.