15 May 2014, 21:07
ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) ޓީމްގެ ފަރިތަކުރުންތައް މިރޭ ރަސްމީކޮށް ފަށައިފި އެވެ.
ސަން ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްޣަނީ އެވެ.
އެފްއޭއެމްގެ ޓާފް ދެ ނަންބަރު ދަނޑުގައި މިރޭ ކުރިއަށް ދިޔަ ސަން ޓީމުގެ ފަރިތަކުރުންތަކުގައި 23 ކުޅުންތެރިން ވަނީ ބައިވެރި ވެފައެވެ.
ސަން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް މުބާރާތަށް ސަން ޓީމުން 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފައިވާ ކަމަށާއި އެހެން ނަމަވެސް މުބާރާތަށް ނަގާ ފައިނަލް ސްކޮޑް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށެވެ. ފައިނަލް ސްކޮޑަށް ނެގުމަށް ހަމަޖެހިފައި ވަނީ 25 ކުޅުންތެރިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަން ޓީމުގެ ކޯޗް އައްސަދު އަބުދުލްޣަނީ ބުނީ، ސަން ޓީމަކީ އެންމެ ފަހުގެ ޗެންޕިއަނުން ކަމަށްވާއިރު، މިފަހަރު ވެސް އެ މަގާމް ދިފާއުކުރުމަށް ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަން ކުރުމުގެ ހިތްވަރު ސަންޓީމުގެ ކުޅުންތެރިން ކިބައިގައި އެބަހުރި ކަމަށެވެ. އަދި ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވިއްޖެ ނަމަ ތަށި ހޯދިދާނެ ކަމުގެ އުންމީދު އެބޮތް ކަމަށް އައްސަދު ބުންޏެވެ.

އެފްއޭއެމް އިން ބުނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާ ތަކަށް ކަމަށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވާ ތާރީހަކީ އަންްނަ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ.
