ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން ފެމިލީ ކޯޓުން ލިޔުންތަކެއް ހޯދަން ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހްގީގު ޓީމެއް އެ ކޯޓުން ހުރަސް އަޅައިފި އެވެ.
~
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ، މިއަދު އެ ކޮމިޝަންގެ ވޮރަންޓާއެކު ފެމެލީ ކޯޓަށް ލިޔުންތަކެއް ބަލާދިއުމުން، އެކަމަށް އެއްބާރުލުން ނުދީ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީމް ދިޔައީ ކޮމިޝަންގެ ރަސްމީ ވޮރަންޓެއް ހިފައިގެން. ޓީމުގެ ހުރިހާ ކުދިން އަތުގަ އޭސީސީ ޓީމުގެ ކާޑު އޮންނާނެ. ނަމަވެސް ފެމެލީ ކޯޓުން އެކުދިންނާއި ވާހަކަދެއްކި ބޭފުޅަކު ބުނީ ތި ވޮރަންޓާއި ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ކުރަންޖެހޭ މަސައްކަތް އެބަހުރި ކަަމަށް. އެހެން ކިޔާފަ ފޮނުވާލީ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އޭސީސީގެ އިސް އޮފިޝަލަކާއި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށާއި އެއީ އެކަމެއް ހިނގާފައި ވަނީ އެތަނުގެ އިސް ބޭފުޅުންނަށް ވެސް އެނގިގެން ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.

ލުތުފީ ވިދާޅުވީ، އެ ކޮމިޝަނަށް އެއްބާރުލުން ނުދިން ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް ހުށަހަޅާނެ ކަމަށެވެ.