ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ތިން މަސް ވަންދެން ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ނައިބް އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އާއްދީއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލިބިދެވޭނެ ކަމަށެވެ.

"މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އާއްދީއްތަ ދުވަހުން ފެށިގެން ތިން މަސް ލިބޭނެ. އެއީ 18 މެއި ފެށިގެން އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް،" އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ފްލެޓް ތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ތިން މަހަށް ހުޅުވާލީ ނަމަވެސް އަދި ފަހުގެ ތާރީހެއްގައި ފްލެޓަށް އެދި ފޯމް ނަގަފައިވާ ހުރިހައި ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ިކަމަށެވެ.

އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭގައި އަލަށް އިމާރާތް ކުރާ ފްލެޓް ތަކަށް ހަމައެކަނި އެ މިނިސްޓްރީން 13،000 އަށް ވުރެ ގިނަ ފޯމް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މުޅި ޖުމްލަ ފްލެޓަށް އެދި ފޯމް ނަގާފައިވާ މީހުންގެ އަދަދު ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ މުއްތަލިބު ވިދާޅުވީ ފޯމް ބަލައިގަތުމަށްޓަކައި ދުވާލަކު ދޫކުރާނީ 100 ނަންބަރު ކަމަށާއި އެއީ ކޮންމެ ކެޓަގަރީއަކަށް ވެސް 50 ނަންބަރު ކަމަށެވެ.

އޭނާ ވިދާޅުވީ ފްލެޓް ތަކަށް އެދި ފޯމް ހުށަހަޅަން އަންނަ ފަރާތަކީ ފްލެޓަށް އެދޭ ފަރާތް ކަމުގައި ނުވާނަމަ ފްލެޓަށް އެދޭ ފަރާތަގެ ޕަވާ އޮފް އެޓާނީ ގެންނަން ޖެހޭނެ ކަަމަށެވެ. އަދި ވިދާޅުވީ ފޯމް ހުށަހަޅާ ފަރާތްތަކަށް ފޯމް ބަލައިގަތުމަށް ފަހު ވަގުތުން އެ މީހަކަށް ޕޮއިންޓް ދޭނެ ކަަމށެވެ.

ފްލެޓަށް އެދި ފޯމް ހުށަހަޅާއިރު ފޯމްގައި ހިމަނަން ޖެހޭ ހުރިހައި މައުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ފޯމެއް ބަލައި ނުގަންނާނެ ކަމަށާއި ފޯމްގެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭ ހުރިހައި ލިޔެކިޔުން ތަކާއިއެކު ހުށަހެޅުމަށް އަބްދުﷲ މުއްތަލިބު އެދިވަޑައިގެންނެވި އެވެ.