15 May 2014, 19:38
އިތުރު 107 މީހަކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ޑްރަގް ކޯޓުން ހިންގާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި އެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓު ދިނުމަށް މިއަދު ހަވީރު ޑްރަގް ކޯޓުން ވަނީ ހަފްލާއެއް ބާއްވައިފަ އެވެ. އަލަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި 107 މީހުންގެ ތެރެއިން އެ ހަފްލާގައި ބައިވެރިވެރިވެފައި ވަނީ މަދު ބައެކެވެ.
ޑްރަގް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ގިނަ ބަޔަކު އެ ހަފްލާގައި ބައިވެރިވެފައި ނުވަނީ އެ މީހުންނަކީ ރާއްޖޭގެ އެކި ރަށްތަކަށް ނިސްބަތްވާ މީހުން ކަމަށްވެފައި، މި ވަގުތު އެ މީހުން މާލޭގައި ނޫޅޭތީ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެ މީހުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ކުރީގެ ޕްރޮސިކއުޓާ ޖެނެރަލް އަހްމަދު މުއިއްޒާއި ދީނީ އިލްމުވެރިޔާ ޑރ. އާއިޝަތު ޚަލީލާ އެވެ.
މިދިޔަ އަހަރު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ހަތް މީހުންނާއެކު މިހާތަނަށް ޖުމްލަ 109 މީހުން ވަނީ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރި މީހަކު ވަނީ އޭނާ އެ ވަބާއިން ސަލާމަތްވުމަށް ކުރި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްފަހު ނޫސްވެރިއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އަހުމަދު ފައިރޫޒު ވެސް ވަނީ މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތްވިގޮތާއި އެ ވަބާއިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ޑރ. އާއިޝަތު ޚަލީލާ ވަނީ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި މީހުންނަށް ދީނީ ނަސޭހަތްދެއްވައިފަ އެވެ.