ތަހުގީގު މަރުހަލާއަށް ހައްޔަރުކޮށްފައިވާ މީހުންނާއި ހުކުމް ތަންފީޒު ކުރަމުންދާ އުމުރުން 50 އަހަރުން މަތީގެ ބައެއް ގައިދީންގެ ތެރެއިން ނުރައްކާތެރި ގައިދީން ފިޔަވައި އެހެން ގައިދީން ހުޅުމާލޭ ލުއި ޖަލަށް ބަދަލުކުރަން ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފި އެވެ.

ހުޅުމާލޭ ލުއި ޖަލަކީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީން ބެލެހައްޓެމަށް ހޯމް މިނިސްޓްރީން ކުރިން ހަދާފައިވާ ތަނެކެވެ. ކުރިން އެތަން ބެލެހެއްޓީ ފުލުހުންނެވެ. އެތަނަކީ ހުޅުމާލޭ ހުޅަގަނގު ދެކުނު ފަރާތުގައި ހުޅުވާލެވިފައިވާ ބޮޑު ހުސް ބިމަކާއެކު ހުންނަ ކޮއްޓެކެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ޖަލުތަކުގައި 50 އަހަރުން މަތީގެ 71 ގައިދީއަކު ތިބި ކަމަށާއި އެ ގައިދީންގެ ތެރެއިން އެހެން ގައިދީންނަށް ނުރައްކަލެއް ނެތް ގައިދީންނަށް ލުއި ދެއްވުމަށް ހޯމް މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ އުމުރުން ދުވަސްވީ ގާދީންނަށް އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ރަނގަޅު މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ ހުޅުމާލޭ ލުއި ޖަލަށް ބަދަލުކުރާ ގައިދީނަށް ލުއި ގޮތްތަކެއް އެ ޖަލުގައި ހަމަޖެހިފައިވާނެ ކަމަށެވެ. އެގޮތުން އަބަދުވެސް ގޮޅިން ނުކުމެ، ކޮށީގެ އެތެރޭގެ ހުސް ބިން ސަރަހައްދުގައި އެހެން ގައިދީންނާއެކު އުޅެވޭނެ ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ގޮޅީގައި ތަޅު ނުލާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ހުޅުމާލޭ ލުއި ޖަލަށް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 50 އަހަރުން މަތީގެ މީހުން ވެސް ބަދަލު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހުގީގީ ޖަލު ދޫނިދޫގައި ތިބޭ މީހުންނާއި ހުޅުމާލޭ އަތޮޅުވެހީގައި ތިބި މީހުންގެ ތެރެއިން މިހާރު ވެސް ތަހުގީގު މަރުހަލާގައި 50 އަހަރުން މަތީގެ ދެ މީހަކު އެ ޖަލުތަކުގައި އެބަތިބި ކަމަށެވެ.

އެ ދެ މީހުންގެ ފަރާތުން، އެހެން ގައިދީންނަށް ނުރައްކަލެއް ނެތްނަމަ އެ މީހުން ވެސް ހުޅުމާލޭ ޖަލަށް ބަދަލު ކުރާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން 50 އަހަރާއި 60 އަހަރާ ދެމެދުގެ 52 ގައިދީއަކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދެ އެވެ. އަދި 60 އަހަރާއި 65 އަހަރާ ދެމެދުގެ ދެ ގައިދީއަކު ޖަލުގައި ހުކުމް ތަންޒީރު ކުރަމުންދެ އެވެ. އަދި 65 އަހަރާއި 70 އަހަރާ ދެމެދުގެ ދެ ގައިދީއަކު ހުކުމް ތަންޒީރު ކުރަމުންދާއިރު، 70 އަހަރުން މަތީގެ 11 ގައިދީއަކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.