15 May 2014, 17:49
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކު ހޮވުމަށް މެންބަރުންނަށް ނޯޓިސްދީގެން މިއަދަށް ޝެޑިއުލް ކުރި ޖަލްސާ ކޯޓުން ހުއްޓުވައިފި އެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު "ވަގުތީ އަމުރު"ގައި ބުނީ އެ ކައުންސިލްގެ މެންބަރު އަބްދުﷲ މުއާޒު މީޑިއާ ކައުންސިލްގެ މައްޗަށްކޮށްފައިވާ ދައުވާގައި "ޝަރީއަަތުން ވަކި ގޮތެއް ކަނޑައަޅަންދެން" ކައުންސިލްގެ ރައީސަކު އިންތިހާބު ކުރުމާ ބެހޭ ހުރިހާ ކަމެއް ފަސްކުރުމަށް މީޑިއާ ކައުންސިލްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
މީޑިއާ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅުކު ހޮވުމުގެ މަރުހަލާ ކޯޓުން މިއަދު ހުއްޓުވި އިރު، ކައުންސިލްގެ މެންބަރުން ތިއްބެވީ އެޖެންޑާކޮށްގެން ރައީސަކު ހޮވުމަށް ޖަލްސާ ތެރޭގަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސަކު ހޮވުގެ މަރުހަލާ ކޯޓުން ހުއްޓުވި މިއީ ދެވަނަ ފަހަރެވެ. ފެބްރުއަރީ މަހު ވެސް ސިވިލް ކޯޓުން ވަނީ މީޑިއާ ކައުންސިލްގެ ރައީސް ހޮވުން ހުއްޓުވައިފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސަކު ހޮވުމަށް މިއަދު ދެ ވަނަ ފަހަރަށް މީޑިއާ ކައުންސިލުން ޝެޑިއުލް ކުރީ، މުއާޒު ހުށަހެޅި މައްސަލައިގެ އަޑު އެހުމަށް އޭނާ ކުރީ ދުވަހު ކޯޓަށް ހާޒިރު ނުވުން ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުންނެވެ.
މީޑިއާ ކައުންސިލާ ދެކޮޅަށް މުއާޒް ދައުވާ ކޮށްފައި ވަނީ އެ ކައުންސިލުގެ ރައީސްގެ މަގާމު އޭނާ އަށް ގެއްލުމުންނެވެ. ރައީސްގެ މަގާމު މުއާޒަށް ގެއްލުނީ އޭނާ ރައީސް ކަމަށް ހަމަޖެއްސި ޖަލްސާއަކީ އިޖުރާއަތުތައް ފުރިހަމަނުކޮށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކައުންސިލުން ކަނޑައެޅުމުންނެވެ.