30 Dec 2010, 08:13
ގދ. އަތޮޅު އޮފީހުގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރާއި އެ އޮފީހުގެ އިންވެސްޓިގޭޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ގދ. އަތޮޅު އޮފީހުގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ގދ. ތިނަދޫ ނޫހިރި، އަހުމަދު ސާމިރު އާއި އެ އަތޮޅު އަތޮޅު އޮފީހުގެ އިންވެސްޓިގޭޓާ ގދ. ތިނަދޫ ހަވޭލި، އަހުމަދު މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅާފައި ވަނީ ދެ މައްސަލަ އެއްގަ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސާމިރުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަތި ދެކުނު ޕްރޮވިންސް އޮފީހުން ނުކުރާ މަސައްކަތެއް ކުރުވި ކަމަށް ހަދައި އެ މަސައްކަތުގެ އަގަށްވާ 8569ރ. ނަގާފައިވާތީ އެވެ.
އޭސީސީން ބުނީ އެ މައްސަލަ ބެލި އިރު ޕްރޮވިންސް އޮފީގުގެ އެކައުންޓުގެ ޗެކަކުން ފައިސާ ނަގައި ނުކުރާ މަސައްކަތެއް ކުރުވި ކަމަށް ހަދައި އޮޅުވާލައި މަގާމުގެ ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
ޝަރީއަތަށް ފޮނުވަން އޭސީސީން ދެން ޕީޖީއަށް ހުށަހަޅާފައި ވަނީ އަތޮޅު އޮފީހުގެ އިންވެސްޓިގޭޓަރުގެ މައްޗަށް ދައުވާ ކުރުމަށެވެ. އޭސީސީން ބުނީ އިންވެސްޓިގޭޓަރުގެ މައްސަލަ ބެލިއިރު މާލޭގައި ހިންގި ޕަބްލިކް ކޮމްޕްލެއިންސް ބިއުރޯގައި ހުރި ފަރުނީޗަރާއި މެޝިނަރީތައް މަތި ދެކުނު ޕްރޮވިންސަށް ބަދަލު ކުރުމުގައި މަސައްކަތް ކުރީ ޕްރިވިންސް އޮފީހުގެ މުވައްޒަފުން ކަމާއި އެއާކޯނުތައް ނެއްޓީ ގަދ. ގައްދޫ ހިލިހިލާގޭ އަހުމަދު މުޖުތަބާކަން ޕްރޮވިންސް އޮފީހުގެ ލިޔުންތަކުންނާއި ތަހުގީގުގައި ސުވާލު ކުރި މީހުންގެ ބަހުން އެނގޭތީ ފަރުނީޗަރުތައް ރޫޅައި ޕެކްކޮށް ގދ. ގައްދޫ ބޯޓަކަށް އެރުވީ މުޖުތަބާ ނޫންކަން ސާބިތުވާތީ އޭނާގެ ނަމުގައި ބިލު ހަދައި އެ މަސައްކަތް އޭނާ ކޮށްފައިވާ ކަމަށް އިންވެސްޓިގޭޓަރު އަހުމަދު މަނިކު ލިޔެ ސޮއިކޮށް ހަގީގަތް އޮޅުވާލައި މަގާމާއި ނުފޫޒުގެ ބޭނުން ހިފާފައިވާ ކަމަށެވެ.