ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލި ތިން ވަނަ ފުރުސަތުގައި ހަތް ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ. ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 3:00 އަށް ވަނީ ހަމަވެފަ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު "ސަން"އަށް ވިދާޅުވީ، ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް މުއާޒު ހާމައެއް ނުކުރައްވަ އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ވެސް ފަސް ބޭފުޅަކު ނަން ހުށަހެޅުއްވި އެވެ. އެ ފަސް ބޭފުޅުންނަކީ ހ. މީނާޒް މައުމޫން ހަމީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި ކުރިން ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމު އާއި ޕީޖީ އޮފީހުގައި މަސައްކަތް ކުރާ، ގާނޫނީ ވަކީލެއް ކަމުގައިވާ ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީއެއް ނަންގަވާފައިވާ ގާނޫނީ ވަކީލެއް ކަމުގައިވާ މއ. ބިންމާވިލާ، އިސްމާއިލް ވަހީދެވެ.

އެ ބޭފުޅުންގެ ތެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދުގެ ނަން މަޖިލީހުން ފާހެއް ނުވި އެވެ. އޭނާގެ ނަން މަޖިލީހުން ފާސް ނުވީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. ޖުމްލަ މެމްބަރުންނަނީ 39 މެމްބަރުންގެ ވޯޓެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ ވޯޓެވެ.

ދެވަނަފަހަރަށް ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ކަމުގައިވާ މ. ވައިނުޖެހޭގޭ، މަރިޔަމް ޒުލްފާ އާއި، ގާނޫނީ ވަކީލު، ދަފްތަރު، އައިޝަތު ފަޒްނާ އަހުމަދު އާއި ކުރިން ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިން އާއި ދަފްތަރު، މުހައްމަދު ޝާހު އެވެ.

މުއާޒު ވިދާޅުވީ، ޕީޖީގެ މަގާމަށް މިހާރު ކުރިމަތިލައްވަފައިވާ ހަތް ބޭފުޅުންގެ ނަންތައް އަންނަ ހަފުތާ ފެށޭ ހިސާބުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދިރާސާ ކުރައްވަން ފައްޓަވާނެ ކަމަށާއި އޭގެ ތެރެއިން ބޭފުޅެއްގެ ނަންފުޅު ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.