ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ބ. އޭދަފުށީގައި އެ ރަށު ސްކޫލުން ހާއްސަ ޔުނިޓެއް ހަދައިފި އެވެ.

އޭދަފުށީ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް އަލީ އިމާދު މިއަދު ސަން އަށް ވިދާޅުވީ މިހާރު ވެސް ހާއްސަ އެހީއަށް ބޭނުންވާ ހަތަރު ކުދިން ރަށު ސްކޫލަށް ކިޔަވަންދާ ކަމަށާއި ނަމަވެސް އެކަށީގެންވާ ގޮތަކަށް އެ ކުދިންނަށް ތައުލީމު ނުދެވޭ ކަމަށެވެ.

"މި ޔުނިޓުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު ފަށާއިރު ހަ ކުދިންނާއި 10 ކުދިންނާ ދޭތެރޭގެ އަދަދަކަށް ތިބޭނެ ކަމަށް ލަފާ ކުރެވޭ. މިހާރު ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން މި ސްކޫލަށް ކިޔަވަން އަންނާނެ އެކަމަކު އެކަށީގެންވާ ގޮތަކަށް އެ ކުދިންނަކަށް ނުކިޔަވައިދޭ. ގްރޭޑް އަށެއް ނިމޭއިރު ލިޔަންކިޔަން އެނގޭނީ ވެސް ބައެއް ކުދިންނަށް،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ޔުނިޓުގައި ކިޔަވައިދެއްވާނީ ތަމްރީނު ލިބިފައިވާ ޓީޗަރުން ކަމަށެވެ.

"އަޅުގަނޑުމެން ދެ ޓީޗަރުން މި ގެނައީ މިހާރު. އެ ދެ މީހުންނަކީ ވެސް މިކަމަށް ތަމްރީނު ލިބިފައިވާ މީހުން. އަދި އެތަނުން އެކަކަކީ ކުރިން އިމާދުއްދީން ސްކޫލުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދީފައިވާ މީހެއް." އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން މިހާރު މުޅިން ވެސް އެ ސްކޫލަށް ދަނީ ނަފްސާނީ ގޮތުން މައްސަލަ އުޅޭ ކުދިން ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.