15 May 2014, 14:54
މިދިޔަ މަހުގެ ތެރޭގައި ސައުތު ކޮރެއާގެ ފެރީއެއް ފެތި، އެތައް ބަޔަކު މަރުވި ހާދިސައާ ގުޅިގެން އެ ފެރީ ދުއްވަން އިން ކެޕްޓަނާއި ތިން ފަޅުވެރިއެއްގެ މައްޗަށް މީހުން މެރި ކަމުގެ ދައުވާ އުފުލައިފި އެވެ.
ސައުތު ކޮރެއާގެ ނޫހެއް ކަމަށްވާ ޔޮންހަޕް ނިއުސް އެޖެންސީއާ ހަވާލާދީ މަޝްހޫރު ގިނަ މީޑިއާތަކެއްގައި ރިޕޯޓްކޮށްފައި ވަނީ، ފެތުނު ސައުތު ކޮރެއާގެ ފެރީ ދުއްވަން އިން ކެޕްޓަން ލީ ޖޫން ސިއޮކް، 68 މައްޗަށް މަރުގެ ދައުވާ އުފުލާފައި ވަނީ، ފެރީ އަޑިއަށް ދިޔަ ވަގުތު ފަސިންޖަރުން ތިބިތާ ތިބުމަށް ބުނެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ލީ އަކީ ފެރީ އަޑިއަށް ދިޔަ އިރު، ކޯސްޓްގާޑުން އެންމެ ފުރަަތަމަ ސަލާމަތްކުރި މީހުންގެ ތެރެއިން އެކަކެވެ. ލީ އާ އެކު މަރުގެ ދައުވާ ފެރީގެ އިސް ދެ ފަޅުވެރިންނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ވެސް އުފުލާފައިވާ ކަމަށް ޔޮންހަޕް ނިއުސް އެޖްންސީގައި ބުނެފައިވެ އެވެ.
އެ އެންމެންގެ މައްޗަށް ވެސް މަރުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އެ އެންމެންގެ މައްޗަށް ވެސް އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމެއް ތަންފީޒު ކުރާނެ އެވެ.
"ފެރީން ދަތުރުކުރި މީހުން ސަލާމަތް ނުކޮށް ފަޅުވެރިން ސަލާމަތްވުމުން، ގިނަ އަދަދެއްގެ މީހަކު ވަނީ މަރުވެފައި،" ފެރީ އަޑިއަށް ދިޔަ ހާދިސާގެ ތަހުގީގު ކުރަމުންދާ ޕްރޮސެކިއުޓަރު އާން ސަން ޑޮން މީޑިއާތަކަށް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެ ފެރީން ދަތުރުކުރި 476 މީހުންގެ ތެރެއިން 281 ފަސިންޖަރުން މަރުވެފައިވާ އިރު 23 މީހަކު ވަނީ އަދިވެސް ހޯދާ ނުފެނިފަ އެވެ. އަޑިއަށް ދިޔަ ފެރީގައި ދަތުރުކުރި މީހުންގެ ތެރޭގައި ހައި ސްކޫލެއްގައި ކިޔަވާ 325 ދަރިވަރަކު ވެސް ހިމެނެ އެވެ.
އެ ހާދިސާގައި ސަލާމަތްވެފައި ވަނީ އެންމެ 172 ފަޅުވެރިންނެވެ. އޭގެ ތެރޭގައި ފެރީގެ 29 ފަޅުވެރިންގެ ތެރެއިން 22 މީހަކު ވެސް ވަނީ ސަލާމަތްވެފަ އެވެ.