15 May 2014, 14:35
ސިޔާސީ ގޮތުން ބާރުވެރި މަގާމުތަކުގައި ތިބޭ މީހުން 33 ޕަސެންޓް މީހުންނަކީ އަންހެނުން ކަމުގައި ހަމަޖެއްސުމަށް ޓަކައި ހަދަން ޖެހޭ ގަވާއިދުތައް ހަދައި ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
އަންނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަކީލާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ވަކި އަދަދަކަށް އަންހެނުން ތިބެން ޖެހޭނެ ގޮތަށް ކަނޑައެޅުމަށް ނިންމެވީ އަންހެނުންނަށް ސިޔާސީ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. ބާރުވެރި މަގާމުތަކަށް އަންހެނުން އައްޔަން ކުރުމާ ބެހޭ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު ގައުމީ، އިގުތިސާދީ އަދި އިޖުތިމާއި ކަންކަމުގައި އަންނުންނަށް ބަސްކިޔޭ މިންވަރު އިތުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަންހެނުންގެ ސިޔާސީ ކުރިމަގު ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ބާރުވެރި މަގާމުތަކަށް އައްޔަން ކުރެވޭނެ އަންހެނުންގެ އިންސައްތަ 33 އިންސައްތަ އަށް އިތުރުކުރުމަށް ކެބިނެޓުން ކަރުދާހެއް ހެދި، ފާސްކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން. މި ގަވަދަށް އަމަލުކުރަން ފެށުމާ އެކު ގައުމީ، އިގުތިސާދީ، އިޖުތިމާއިކަން ކަންކަމުގައި އަންހެނުންނަށް ބަސްކިޔޭ މިންވަރުއިތުރުވެ، އަންހެނުންގެ ޝުއޫރާއި ހިޔާލަށް އަމަލުކުރެވޭ މިންވަރު އިތުރުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިގުތިސާދީ ދާއިރާ އިން އަންހެނުންނަށް ކުރިއަށް ދެވޭނެ އިތުރު ފުރުސަތުތައް ހޯދަދިނުމަށްޓަކައި "ކައުންސިލް ފޮ ދި އިކޮނޮމިކް އެންޑް އެމްޕަވަމަންޓް"ގެ ނަމުގައި ސަރުކާރުން ކައުންސިލެއް އުފައްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ މި ކައުންސިލްގެ ސަބަބުން އިގުތިސާދީގެ ދާއިރާ އިން އަންހެނުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، އަންހެނުންނަކީ އިގުތިސާދީ ކަންކަމުގެ މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޭޝިއަން ޑިވްލޮޕްމެންޓް ބޭންކް (އޭޑިބީ) އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން "ޖެންޑާ އީކްއަލީޓީ ލޯ"ގެ ނަމުގައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގާނޫނީ އޮނިގަނޑުގެ މަގުސަދަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުން ކަމުގައި ވެސް ފާހަގަކުރެއްވެވި އެވެ.
ހަމަ އެހެންމެ ގޭގައި ތިބިގެން ވަޒީފާ އާދަކުރެވޭނެ ގޮތް ތަނަވަސްކޮށްދީ އަންހެނުންނަށް ދަރިން ބަލަމުން ވެސް ވަޒީފާގެ އަދާކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމުގައި ފާހަގަކުރެއްވެވި އެވެ.
ގައުމުގެ ތަރައްގީގައި އަންހެނުންނާއި ފިރިހެނުން ވެސް އެއްވަރަށް ހިއްސާވާން ޖެހޭ ކަމަށާއި ނަމަވެސް ކިޔެވިފައިވާ އެއްޗެއްގެ ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ އަންހެނުންނަށް ވެސް އަންހެނަކަށް ވީތީ އެ ފުރުސަތު ނުލިބޭތަން އަންނަ ކަމަށެވެ.