15 May 2014, 13:52
އެމެރިކާގެ އެންމެ މަގުބޫލު ނިއުސްޕޭޕާ، ނިއު ޔޯކް ޓައިމްސްގެ އެގްޒެކެޓިވް އެޑިޓަރު ޖިލް އަބްރަމްސަން އޭނާގެ މަގާމުން ދުރުކޮށްފި އެވެ.
އުމުރުން 60 އަހަރުގެ އަބްރަމްސަން އަކީ ނިއު ޔޯކްޓައިމްސް ނޫސްވެރިކަމުގައި ހޭދަކުރި 162 އަހަރުގެ ދިގު ތާރީޚުގައި އެ ނޫހަށް ހަމަޖެއްސި އެންމެ ފުރަތަމަ އަންހެން އެޑިޓަރެވެ.
އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް ނޫހުގެ ނިއުސްރޫމް ހިންގުމާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުވުމަށް ފަހު އަބްރަމްސަން ވިދާޅުވެފައި ވަނީ، އެފަދަ މަގާމަކަށް އަންހެން ކަނބަލަކު ހަމަޖެހިގެން ދިއުމަކީ "މާނައިން ފުރިފައިވާ"ކަމެއް ކަމަށެވެ. އަދި އެ މަގާމުން އޭނާ ދުރުކުރުމުން ވިދާޅުވީ، މިކަމުން ހާމަވެގެންދަނީ ނޫސްވެރިކަމުގައި އަންހެނުންނާ ދޭތެރޭގައި ގެންގުޅޭ ތަފާތުކުރުންތަކުގެ މިސާލެއް ކަމަށެވެ.
ކުންފުނީގެ އެންމެ ސީނިއާ ސްޓާފުންނަށް ވެސް އެނގުމަކާ ނުލައި ކުއްލި ގޮތަކަށް އަބްރަމްސަން އެ މަގާމުން ވަކިކުރުމަށް ފަހު، ނިއު ޔޯކްޓައިމްސް ކުންފުނީގެ ޕަބްލިޝާ އަރި ޗެއާމަން އާތުރު ސަލްޒްބާގާ ޖޭއާރު، ވިދާޅުވެފައި ވަނީ އަބްރަމްސަންގެ ބަދަލުގައި މިހާރު އެ މަގާމަށް ހަމަޖައްސާފައި ވަނީ އެ ނޫހުގެ މެނޭޖިން އެޑިޓަރު ޑީން ބެގުއެޓް ކަމަށެވެ. އަދި އަބްރަމްސަން އެ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް އަބްރަމްސަން އެ ނޫހަށް ކޮށްދެއްވާފައިވާ ހިދުމަތާއި މަސައްކަތަށް ތައުރީފް ކުރައްވާ ކަމަށް ސަލްޒްބާގާ ވިދާޅުވެފައިވެ އެވެ.
އަބްރަމްސަން ވަޒީފާ އިން ވަކިކުރިކަން ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެރުމާ އެކު ނިއު ޔޯކް ޓައިމްސްގެ ހިއްސާ 4.9 އިންސައްތައަށް ދަށަށް ދިޔަކަމަށް ވެސް ބޭރުގެ ހަބަރުފަތުރާ ބައެއް ވަސީލަތްތަކުން ރިޕޯޓުކުރި އެވެ.