30 Dec 2010, 08:12
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން 2011 – 2013 މިއަދު ހޯމް މިނިސްޓަރު ހަސަން އަފީފު އިފްތިތާހުކޮށްދެއްވައިފި އެވެ.
އެ ޕްލޭން އިފްތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ފުލުހުންނަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާ ބައެއް ކަމަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި ހުރިހާ ފުލުހުން ވެސް މަސައްކަތުގައި އެންމެ އިސްކަމެއް ދޭންވާނީ ދިވެހިރާއްޖޭގެ ޤާނޫނަށް ކަމަށާއި ފުލުހުންގެ ހިދުމަތުގައި ތަފާތު ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިނިސްޕެކްޓާ އޮފް ޕޮލިސް ޔޫނުސް ސޮބާހު މިއަދު ވިދާޅުވީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މުޅި ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަން ކަމަށެވެ. ނަމަވެސް އެ ޕްލޭން އެކުލަވާލައިފައި ވާނީ މާލީ ދަތިކަމަށް ވިސްނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ޕްލޭނެއް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަކީ މިކަމަށް ޓަކައި ވަރަށް ގިނަ ރިސޯސްތަކެއް އަދި ފައިސާ ބޭނުންވާކަމެއް." އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާނެ މައްސަލަތަކެއް ކަމަށް ބުނެފައި ވަނީ މާރާމާރީ އާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ފައިސާއާ ގުޅުހުން ހުރި މައްސަލަތަކެވެ.
އަދި އެ ޕްލޭން މައިގަނޑު ގޮތެއްގައި ބަހަލާފައި ވަނީ ހަ ބަޔަކަށެވެ. އެއީ ހިތްވަރާއި ވާފާތެރިކަމާއި އިހުލާސްތެރިކަމާއި ހަމަހަމަކަމާއި ޒިންމާއުފުލުމާއި ލާމަސީލު ހިދުމަތްތެރިކަމެވެ.
ފުލުހުން ބުނީ މީގެކުރިން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް ޕްލޭންތަކާ ހިލާފަށް މިފަހަރުގެ ޕްލޭންގައި ބޮޑެތި ތަފާތުތަކެއް ހުންނާނެ އެވެ.