ބްރާވިއާ އައިޑިއާސް ކަޕްގައި އިއްޔެ ކުޅުނު މެޗުތަކުން ވިންސެންޑޯ އާއި ރައްޔިތުންގެ މަޖިލިސް އަދި މާލޭ ސިޓީ ކައުންސިލް މޮޅުވެއްޖެ އެވެ.

މި މުބާރާތުގައި ރޭ ތިން މެޗެއް ކުޅުނު އިރު، 8:00 ގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން އެލްއެލް ސްޕޯޓްސް އާއި ވިންސެންޑޯ އެވެ. މި މެޗު ވިންސެންޑޯ ކާމިޔާބުކުރީ 6-1 ލަނޑުންނެވެ. މެޗުގައި އެލްއެލް ސްޕޯޓްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މުހައްމަދު އިމްޔާން އެވެ.

ވިންސެންޑޯ ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ސަލަފް ކާމިޔާބޮށްދިން އިރު، މުހައްމަދު އިމްރާން ދެ ލަނޑު ކާމިޔާބުކުރި އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސެންޑޯގެ ޖާޒީ ނަންބަރު 10 މުހައްމަދު އިމްރާން އެވެ.

މުބާރާތުގައި ރޭ 9:00 ގައި ބައްދަލުކުރީ އޮމަދޫ އާއި ރައްޔިތުންގެ މަޖިލީހެވެ. މި މެޗު މަޖިލީސް ޓީމުން ކާމިޔާބުކުރީ 4-2 ލަނޑުންނެވެ. އޮމަދޫގެ ދެ ލަނޑުގެ ތެރެއިން އަހްމަދު ޔަޒީ ލަނޑެއް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސަމާހު އެވެ.

މަޖިލީހުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ނިޝާން ކާމިޔާބުކުރި އިރު، ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސައިފް އާއި އަބްދުﷲ ސައީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޖިލީހުގެ ޖާޒީ ނަންބަރު 13 އިބްރާހިމް ރަޝީދެވެ.

ރޭ ކުޅުނު އެންމެ ފަހު މެޗުގައި ބައްދަލުކުރީ މާލޭ ސިޓީ ކައުންސިލާއި ނަސަންދުރަ އެވެ. މި މެޗު ފަސޭހަކަމާއެކު 14-2 ލަނޑުން ކާމިޔާބުކުރީ ސިޓީ ކައުންސިލެވެ. ނަސަންދުރަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ރަޝީދާއި އިސްމާއިލް ރިޔާޒެވެ.

ސިޓީ ކައުންސިލުން ޖެހި 14 ލަނޑުގެ ތެރެއިން ފަސް ލަނޑު މުހައްމަދު އަޔާޒް ކާމިޔާބުކޮށްދިން އިރު، އަހްމަދު އަޝްފާގު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. ހަސަން ނޫރިޝް ދެ ލަނޑު ކާމިޔާބުކުރި އިރު އަލީ އައިމަން އާއި މުހައްމަދު ނިޝާނާއި މުހައްމަދު އަފްޒަލް މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްފައި ވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ކައުންސިލަށް ފަސް ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ޖާޒީ ނަންބަރު 11 މުހައްމަދު އަޔާޒް އެވެ.

އައިޑިއާސް ކަޕްގައި މިރޭ ވެސް ތިން މެޗު ކުޅޭނެ އެވެ. މާފަންނު މިނީ ސްޓޭޑިއަމްގައި ކުރިއަގެންދާ މި މެޗުތަކުގެ ތެރެއިން މިރޭ 8:00 ގައި ބައްދަލުކުރާނީ އެސްސީ ވެލަރަސް އާއި އެލައިޑް އެވެ. މިރޭ 9:00 ގައި ރީފްސައިޑާއި ދެކޮޅަށް ބާރަށް ނުކުންނަ އިރު، ފަހު މެޗުގައި މިރޭ 10:00 ގައި ބައްދަލުކުރާނީ ސަން އޮންލައިނާއި ބަރާބަރު އެވެ.

ބްރާވިއާ އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރަކީ ރީފްސައިޑް އެވެ. ކޯ ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އަދި ޕްރިންޓިންގް ޕާޓްނަރަކީ އެމް ސެވަން ޕްރިންޓް އެވެ.