ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އަށް އަލަށް ވަންނަ ކުދިންގެ ތެރެއިން ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެ ސްކޫލުންދޭ ސްކޮލޮޝިޕް، މި އަހަރު 10 ދަރިވަރަކަށް ދީފި އެވެ.

ކޮންމެ އަހަރަކު ވެސް ވީއައިއެޗްއެސް އަށް ވަންނަ ކުދިންގެ ތިން ޕަސެންޓް ކުދިންނަށްދޭ އެ ސްކޮލޮޝިޕް ލިބުނު ދަރިވަރުންނަށް ސްކޮލޮޝިޕް ހަވާލުކޮށްދެއްވީ، އެ ސްކޫލަށް މި އަހަރު އަލަށް ވަން ކުދިންނަށް މަރުހަބާ ކިޔުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

މިއަހަރު ވީއައިއެޗްއެސް ސްކޮލޮޝިޕް ލިބުނު ކުދިންނަކީ ޅ. ނައިފަރު، ހީނާގެ އަމިނަތު ހަމްނާ އަބްދުލް ހައްނާން، ނ. ވެލިދޫ، ސަނީ ލޮޖް ސަރާ އަހްމަދު، ހދ. ކުޅުދުއްފުށީ، ވެންކޯވާ މުހައްމަދު އިބްރާހިމް، މ. ރެސްޓް ޕޮއިންޓް، ޒީކް އަޝްރަފް އަލީ، އއ. ބޮޑުފުޅަދޫ، މީޑޯސް ހަސަން ނާއިލް، ތ. މަޑިފުށި، ފިނިފެންމާގެ މުހައްމަދު އިޝާން ހުސެއިން، ގ. އައިފާ ރައުދު އަބޫބަކުރު، ހ. ހިރި އައްސޭރި އަބްދުﷲ ނަޖާ މުހައްމަދު، ދަފްތަރު ނަންބަރު 1876 އައިޝަތު ސަރާ އަދި ކ. ތުލުސްދޫ، ފޯ ސަން އިބްރާހިމް މުނައްވަރެވެ.

ވީއައިއެޗްއެސް ސްކޮލޮޝިޕާއި ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، އެ ސްކޮލޮޝިޕަކީ ކޮންމެ އަހަރަކު ވެސް އަލަށް ވަންނަ ކުދިންގެ ތިން ޕަސެންޓް ކުދިންނަށްދޭ އެއްޗެއް ނަމަވެސް، ސްކޫލަށް ވަން ކުދިންގެ އަދަދު 300 އަށް ވުރެ މަދުވެއްޖެ ނަމަ ސްކޮލޮޝިޕް ދޭނީ 10 ދަރިވަރަކަށް ކަމަށެވެ.

މި އަހަރު އެ ސްކޫލަށް އަލަށް ވަދެފައި ވަނީ 247 ކުދިންނެވެ.

ސްކޮލޮޝިޕް ލިބުނު ދަރިވަރުން ފީ ދައްކަން ނުޖެހޭނެ ކަމަށާއި އެކުދިންނަށް އެ ސްކޫލުން ކޮންމެ މަހަކު 500 ރުފިޔާގެ އެލެވެންސެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.