ޓެކްސީތަކުގައި ދިއްލޭ ބޯޑު ހަރުކުރުމަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އެ ބޯޑު ހަރުކޮށްފައިނުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާ ހަވާލުވެ ހުންނެވި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބައިރު މިއަދު ވިދާޅުވީ ދިއްލޭ ބޯޑު ހަރުކުރަން ދީފައިވާ މުއްދަތު ހަމަވާނީ މިރޭ 12:00 ގައި ކަމަށެވެ. އެހެންކަމުން ވަގުތު ހަމަވާއިރު ދިއްލޭ ބޯޑު ހަރުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ޓެކްސީގައި ހަރުކުރަން ޖެހޭ ދިއްލޭ ބޯޑު ހަރުކުރުމުގެ މުއްދަތު ކުރިން ދީފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުއްދަތު ހަމަވުމާއެކު ކަނޑައެޅިފައިވާ ގޮތަށް ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓެކްސީގައި ދިއްލޭ ބޯޑު ހަރުކުރުމަށް ދީފައިވާ މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު އެ ބޯޑު ހަރުކޮށްފައިވާ ޓެކްސީ ފެންނަ މިންވަރު މަދުކަން ފާހަގަކޮއްލެވެއެވެ.