15 May 2014, 11:56
މިސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކުގެ ބޯޑް މެމްބަރުންގެ ގޮތުގައި އަންހެން ކަނބަލުން ހިމަނަން ކަމަށާއި އެގޮތުން މިއަހަރު ނިމެންވާއިރަށް ކޮންމެ ބޯޑެއްގައި ދެ އަންހެން ބޭކަނބަލުން ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެނުންގެ ހައްގުގައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ކުންފުނިތަކުގެ ބޯޑް މެމްބަރުންގެ ގޮތުގައި އަންހެން ކަނބަލުން ހިމަނަން މިސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"މިހާރު ބޯޑްތަކުގައި މިތިއްބަވަނީ ފަސް މެމްބަރުން މިއަހަރު ނިމޭއިރު އަޅުގަނޑު ބޭނުންވޭ ކޮންމެ ބޯޑެއްގައި ދެ ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް ހަދަން" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އަންހެނުންގެ ގޮވާލުންތަކަކީ ގެވެށި އަނިޔާ ނުކުރުމަށާއި އަންހެން ބޭކަނބަލުންގެ އަސާސީ ހައްގުތަކުން މަހުރޫމް ނުކުރުމަށް ކަމަށެވެ. އަދި އަންހެނުން ބާރު ވެރި ކުރުވުމަކީ ހަމައެކަނި ސިޔާސީ ދާއިރާގައި ބާރުވެރިކުރުވުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ "އަމަލީ ހަގީގީ ބާރުވެރިކަން" އަންހެން ވެރިންނަށް ހޯދައިދިނުން ކަމަށެވެ.
އަންހެނުންގެ ހައްގުގައި އެއް ގަރުނުގެ މަސައްކަތް ނިމުނުއިރުވެސް ޖިންސުގެ ހަމަހަމަކަން ލިބިދީފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަންހެނުންގެ ހައްގުތައް ކަނޑައެޅޭނީ ކަންކަން ނިންމާ ހިސާބުގައި އަންހެން ބޭކަނބަލުން ތިބެގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިގައުމުގައި އަންހެން ވެރިންނަށް ހައްގުތައް ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އަންހެން ކަނބަލުންގެ ހައްގުގައި ގިނަ މަަސައްކަތްތަކެއް ކުރައްވާފައި ވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.