15 May 2014, 11:48
އަންކަރާ (މޭ 15) : ތުރުކީގެ ސޫމާ ސަރަހައްދުގެ ބޯޓުދެލިނަގާ މައިނެއްގައި މިދިޔަ އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 245 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އެސަރަހައްދުގެ އެތަށް ސަތޭކަ ބަޔަކު ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާނާ ދެކޮޅަށް ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށް އޭނާއަށް ޙަމަލާދިނުމަށް މަސައްކަތްކޮށްފި އެވެ.
ތުރުކީގެ މީޑިޔާ ބުނާ ގޮތުން އުރުދުޣާނަށް ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ މައިން ގޮވުމުގެ ހާދިސާގައި މަރުވި މީހުންގެ ޢައިލާތަކަށް ނިސްބަތްވާ ބައެއް މީހުންނާއި އެމީހުންގެ ރަހުމަތްތެރިންނާއި މި ހާދިސާގައި ތުރުކީ ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ދެކެ ސަރުކާރުދެކެ ވަރަށްބޮޑަށް ރުޅިއައިސްފައިވާ މީހުން ކަމަށްވެ އެވެ. އުރުދުޣާން، ސޫމާ ސަރަހައްދަށް ޒިޔާރަތް ކުރެއްވީ އަލިފާން ރޯވުމުގެ ސަބަބުން ގޮވާފައިވާ މައިންގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި އެހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރެއްވުމަށެވެ.
އުރުދުޣާންގެ ކާރުކޮޅު ވަށާލައި އޭނާއަށް ޙަމަލާދިނުމަށް މަސައްކަތްކުރި މީހުންނާކުރިމަތިލައި އެމީހުން ފެއަށްޖެއްސީތުރުކީ ފުލުހުންނެވެ. މިމައްސަލާގައި ރުޅިއައިސްފައިވާ އެތަށް ސަތޭކަ ބަޔަކުވަނީ ސޫމާގައާއި އަންކަރާގައި ތުރުކީ ފުލުހުންނާއި ކުރިމަތިލައި ފުލުހުންނަށް ވެސް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ.
ތުރުކީގެ ހުޅަނގުގެ ސޫމާ ސަރަހައްދުގައިވާ ބޯޓުދެލި ނަގާ މައިން ގޮވުމުގެ ހާދިސާގައި 245 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު 480 މީހުން ސަލާމަތް ކުރެވިފައިވެ އެވެ. ނަމަވެސް ދެ ކިލޯމީޓަރުގެ ފުނުގައިވާ އެމައިންގެ ތެރޭގައި 100 އަށްވުރެ ގިނަ މީހުން އަދިވެސް ތާށިވެފައި ތިބިކަމަށްވެ އެވެ. އެމީހުން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް ތުރުކީގެ ހަކަތައާބެހޭ ވަޒީރު ތަނާރް ޔިލްދީޒް ވަނީ ވިދާޅުވެފަ އެވެ. މިހާދިސާއާ ގުޅިގެން ތުރުކީ ސަރުކާރުން ވަނީ ތިން ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިޢުލާންކޮށްފަ އެވެ.
މިއީ 1992 ވަނަ އަހަރަށް ފަހު ތުރުކީގެ ބޯޓުދެލިނަގާ މައިނެއްގައި ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ސޫމާގެ މައިންގެ އަޑިގައިވާ ހަކަތައާބެހޭ ޔުނިޓްގައިވާ އިލެކްޓްރިކް ޓްރާންސްފޯމަރެއް ގޮވައި އެޔުނިޓްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ވެ އެވެ. މިހާދިސާއަށް ފަހު ތުރުކީގެ މައިންތަކުގެ ސަލާމަތީ ކަންތައްތަކުގެ ދޯދިޔާކަން ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. ނަވާރަ ސަތޭކަ ނުވަދިހަދޭއްގައި ތުރުކީގައި ހިނގި ބޯޓުދެލިނަގާ މައިނެއް ގޮވުމުގެ ހާދިސާގައި 270 މީހުން މަރުވެފައިވެ އެވެ. (ރޮއިޓާސް)