15 May 2014, 11:37
ރިޔާޟް (މޭ 15): ސައޫދީ ރަސްގެފާނު އަބްދުﷲގެ ދަރިކަލެއް ކަމަށްވާ ތުރުކީ ބިން އަބްދުﷲ އެގައުމުގެ ވެރިރަށް ރިޔާޒު ސަރަހައްދުގެ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
މިކަމާ ބެހޭ ގޮތުން އަބްދުﷲ ރަސްގެފާނު ނެރުއްވި ރަސްކަމުގެ އަމުރެއްގައި ވަނީ ރިޔާޟު ސަރަހައްދުގެ ގަވަރުނަރު ކަމުގެ މަގާމަށް އޭނާގެ ދަރިކަލުން ތުރުކީ ބިން އަބްދުﷲ އައްޔަން ކުރެއްވީ ވަޒީރުން ފެންވަރުގައި ކަމުގަ އެވެ. މީގެ ތިން މަސްކުރިން އަބްދުﷲ ރަސްގެފާނު ވަނީ އޭނާގެ އެހެން ދަރިކަލެއް ކަމަށްވާ މިޝްޢަލް ބިން އަބްދުﷲ، މައްކާ ސަރަހައްދުގެ ގަވަރުނަރު ކަމުގެ މަގާމަށް ވެސް ވަޒީރުން ފެންވަރުގައި އައްޔަން ކުރައްވާފަ އެވެ.
ސައުދީ ރަސްގެފާނު، އޭނާގެ ދަރިދަރިކަލުން އެގައުމުގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް އައްޔަން ކުރައްވަމުން މިގެންދަވަނީ ސައޫދީ ވިރާސީ ރަސްކަމުގެ ނިޒާމުގައި ޢަބްދުﷲ ރަސްގެފާނުގެ އަމިއްލަ އާއިލާގެ ބާރުގަދަ ކުރެއްވުމުގެ ބޭނުމުގައި ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ. އުމުރުން 90 އަހަރުގެ އަބްދުﷲ ރަސްގެފާނު، ސައޫދީ ރަސްކަމުގެ ތަޚްތުގައި ވޭތިކުރެއްވި ދިހަވަރަކަށް އަހަރުގެ ތެރެއިން ފާއިތުވި ދެއަހަރުތެރޭގައި އޭނާގެ ދަރިދަރިކަލުންނާއި އޭނާގެ ޢައިލާއަށް ވަފާތެރި ގިނަ ބޭފުޅުންތަކެއް ސައޫދީ ސަރުކާރުގެ ބޮޑެތި އަދި ހައްސާސީ މަގާމްތަކަށް އައްޔަން ކުރެއްވުމަށް އިސްކަން ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަރަބިޔާގެ އާއިލީ ވިރާޘީ ރަސްކަމުގައި ރެދަލިކުރައްވަމުން ގެންދަވަނީ އެރަސްކަމުގެ މުއައްސިސް ކަމަށްވާ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ފިރިހެން ދަރިދަރިކަލުންނެވެ. 1954ގައި އަވަހާރަވެފައިވާ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ފިރިހެން ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އަވަހާރަވެފައިވާ އިރު މިހާރު ދުނިޔޭގައި ތިއްބެވީ އެންމެ ތިން ބޭފުޅުންނެވެ. އެއީ މިހާރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު އާއި މިހާރުގެ ވަލީއުލްއަހްދު ސަލްމާން ބިންއަބްދުލްއަޒީޒްގެ އިތުރުން މުގްރިން ބިން އަބްދުލްއަޒީޒް އެވެ. މިތިން ބޭފުޅުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ ބޭފުޅުންނެވެ. މުގްރިން އަކީ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ފިރިހެން ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި އެންމެ ހަގު ދަރިކަލުންނެވެ. ދާދިފަހުން އަބްދުﷲ ރަސްގެފާނު ވަނީ ސައޫދީ ވަލީއުލްއަހްދުގެ ނައިބު ކަމުގެ މަގާމެއް އަލަށް އުފައްދަވައި އެމަގާމަށް މުގްރިން ބިން އަބްދުލްއަޒީޒް އައްޔަން ކުރައްވާފަ އެވެ.
ސައޫދީ އަރަބިޔާގެ ބާނީ އަދި އެގައުމުގެ ވިރާޘީ ރަސްކަމުގެ މުއައްސިސް ކަމަށްވާ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ދަރިދަރިކަލުންގެ ދައުރު ނިމުމަކަށް އަންނަމުންދާތީ ރަސްކަމުގެ ކޮއިލުގައި ހިމެނޭ އިސްބޭފުޅުންގެ މެދުގައާއި އަބްދުލްއަޒީޒް އާލް ސުޢޫދަށް ކާފަކިޔާ ތިންވަނަ ޖީލުގެ ބޭފުޅުންގެ އާއިލާތަކުގެ މެދުގައި ރަސްކަމުގެ ނިޒާމަށް ބާރާއި ނުފޫޒު ހިންގުމުގެ ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަންވަނީ ވަރަށް ބޮޑަށް ސިއްރު ކުރެވިފަ އެވެ.
އެންމެ ބޮޑަށް ވާދަވެރިކަން އުފެދިފައި ވަނީ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ފިރިހެން ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ތިންބޭފުޅުންނަށް ފަހު ސައޫދީ ރަސްކަމުގެ ތަޚުތަށް އިސްކުރެވޭނެ ބޭފުޅަކު ހަމަޖައްސާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށްވެ އެވެ. މިކަމާބެހޭ ގޮތުން އަބްދުލްއަޒީޒް އާލްސުޢޫދަށް ކާފަކިޔާ ތިން ވަނަ ޖީލުގެ ބޭފުޅުންގެ ވަކިވަކި އާއިލާތަކުގެ މެދުގައި ބޮޑެތި އަރާރުންތަކެއް އުފެދިފައިވާ ކަމަށްވެ އެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި އަބްދުﷲ ރަސްގެފާނު އޭނާގެ ދަރިދަރިކަލުންނާއި އޭނާގެ އަމިއްލަ އާއިލާ އަށް ވަފާތެރި ގިނަ ބޭފުޅުންތަކެއް ސައޫދީ ސަރުކާރުގެ ބޮޑެތި އަދި ހައްސާސީ މަގާމްތަކަށް އައްޔަން ކުރެއްވުމަށް އިސްކަން ދެއްވަމުން ގެންދެވުމުގެ ފަހަތުގައި ވެސް ވަނީ މިއަރާރުންތައް ކަމަށްވެ އެވެ. އަބްދުﷲ ރަސްގެފާނުގެ އަމިއްލަ އާއިލާގެ ބާރު ރަސްކަމުގެ ނިޒާމުގައި ވަރުގަދަ ކުރެއްވުމަށް އޭނާގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝާހީ ޢާއިލާގެ އިސް އެހެން ބޭފުޅުންގެ ޢާއިލާތަކުން ވަރަށްބޮޑަށް ދެކޮޅު ހަދަމުން ގެންދާކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)