ތ. ގާދިއްފުށިން ހަތަރު ފަތުރުވެރިންނާ އެކު ދަތުރުކުރި ސަފާރީ ދޯންޏެއް ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށް އަރައިފި އެވެ.

ރޭ ދަންވަރު 1:00 ކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ލިބިފައެއް ނުވެ އެވެ. ދޯނި ފަރަށް އެރި އިރު އޭގައި ތިބީ ފިރިހެން ހަތަރު ފަތުރުވެރިންނާއި ދިވެހި ތިން ފަޅުވެރިންނެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގާދިއްފުށި ކައުންސިލްގެ ރައީސް ތާއިބު އިސްމާއިލް ވިދާޅުވީ، ދޯނި ފަރަށް އެރިކަން އެނގުމުން ގާދިއްފުށީ ކައުންސިލުން ވަނީ ސަފާރިގައި ދަތުރުކުރި ފަތުރުވެރިން ސަލާމަތުން އެ ރަށަށް ގެނެސްފައި ވާކަމަށެވެ. އަދި ގާދިއްފުށި ކައުންސިލާއި އެރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު ސަފާރީ ފުންކޮށްފައި ވާއިރު އެއަށް އެކިވަރުގެ ގެއްލުންތަށް ލިބިފައި ވާކަމަށް ވެސް ތާއިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޭގެ ވަގުތެއްގައި އެރަށުން ފުރާފައިވާ އެސަފާރީގައި ތިބި ތިން ދިވެހި ފަޅުވެރިން ތިބީ މަސްތުގެ ހާލުގައި ކަމަށާއި، ގާދިއްފުށިން އެމީހުން ފުރަން އުޅުނު އިރުވެސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި ޖެހި އެ ދޯންޏަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައވާ ކަމަށެވެ.

އެ ތިން ދިވެހިން މަސްތުގެ ހާލުގައި ތިބިއިރު ފަތުރުވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް ފޭރިގެންފައި ވާކަމަށް ތާއިބު ވިދާޅުވި އެވެ. އެގޮތުން ޓޫރިސްޓުން ރާޅާއަޅަން ދިޔަ ވަގުތު އެމީހުންގެ ދަބަސްތަކުން 10،000 ރުފިޔާ އާއި 700 ޑޮލަރު ވަގަށްނަގާފައި ވާކަމަށްވެސް ތާއިބު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު 8:00 ހާއިރު ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި ސަފާރީގައި ތިބި ތިން ދިވެހިން ތިބީ މަސްތުގެ ހާލުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.