ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި ވެރިޔާ މުހައްމަދު ސަލީމު (ދޯޅަނބު ސަލީމް) މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ބުނެ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.


އޭސީސީން ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ގ. ކޮލަމާ، މުހައްމަދު ސަލީމްގެ މައްޗަށެވެ. ސަލީމަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.


އޭސީސީން ބުނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ނާޖާއިޒު ފައިދާ ނަގައިދިނުމުގެ ކުށުގައި ސަލީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވީ އަތޮޅުތަކަށް ފޮނުވާ ކަޅުހަން ބެހެއްޓުމަށް ހެލްތު މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމުގައި ހެދި ހަތަރު ބުރީ އިމާރަތުގެ ދެވަނަ ފޭހުގެ މަސައްކަތުގެ ތެރެއިން 2007 ވަނަ އަހަރު ބަޔަކަށް ނާޖާއިޒު ފައިދާ ނަގައިދީގެން ކަމަށެވެ.


އޭސީސީ ބުނީ އެ މަސައްކަތް ކުރުމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް އިން ކުރި އިއުލާނާ ގުޅިގެން އެމްއެސް ކާޕެންޓަރީ އާއި ކަރާ ވޯކް ޝޮޕާއި އަފާމީ މޯލްޑިވްސް އިން އެސްޓިމޭޓް ހުށަހަޅާފައި ވަނިކޮށް އިއުލާނު ކުރުމެއް ނެތި އެމްއެސް ކާޕެންޓްރީ އާއި ކަރާ ވޯކްޝޮޕަށް އަލުން އަލުން އެސްޓިމޭޓް ހުށެހެޅުމުގެ ފުރުސަތުދީ އެދެ ފަރާތުން ފަހުން ބޮޑު އަގު ހުށަހަޅާފައިވާ ވަނިކޮށް އިވެލުއޭޓް ކުރުމެއް ނެތި  ބޮޑު އަގު ހުށަހެޅި އެމްއެސް ކާޕެންޓަރީއަށް މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.


ސަލީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ. އެ ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.


ސަލީމް މިއަދު ވިދާޅުވީ މި މައްސަލައަކީ ކޮން މައްސަލައެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އެފަދަ މައްސަލައެއް އުޅުނު ކަމަށެވެ.


"ތީ ކޮން މައްސަލައެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ،" ސަލީމް ވިދާޅުވި އެވެ.