15 May 2014, 09:42
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީ އިން ބީލަމަށް ލާފައިވާ ވ. ފޮއްތެޔޮ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުރާނެ ބަޔަކު ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކުރިން އަންނަ ހޯމަ ދުވަހުގެ ނިޔަކަށް ބީލަމުގެ މުއްދަތު ހަމަވާ ގޮތަށް ކޮށްފައިވާ އިއުލާނުގެ މުއްދަތު މިހާރު ހަމަވާނީ އަންނަ ބުރާސްފަތި ދުވަސްވާ، މި މަހު 22ގެ ނިޔަކަށް ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ ގޮތަށް އެދޭތީ އާއި ގިނަ ބަޔަކަށް ފުރުސަތު ލިބޭ ގޮތަށް އެ މަރުހަލާ ގެންދިއުމަކީ އެމްޓީސީސީ އިން ވެސް ބޭނުންވާ ގޮތް ކަމަށްވާތީ ކަމަށެވެ.
"އޭސީސީ އިން ވެސް އެ ގޮތަށް އެދިވަޑައިގެންފައި ވަނީ. އަދި މި ކުންފުނީގެ މަގްސަދަކީ ވެސް ގިނަ ބަޔަކަށް ފުރުސަތު ލިބޭ ގޮތަށް ގެންދިއުން. ގެޒެޓުގައި މިހާރު ވާނީ މުއްދަތު އިތުރުކޮށް އިއުލާންކޮށްފައި." އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓާ ކައިރީ ހިސާބެއްގައި އޮންނަ ފޮއްތެލަކީ މެދު އުތުރު ޕްރޮވިންސްގެ ޓްރާންސްޕޯޓް ނެޓްވޯކް ސަބްސިޑައިޒް ކުރުމަށް އެމްޓީސީސީ އަށް ދީފައިވާ ރަށެކެވެ.
ފޮއްތެޔޮ ތަރައްގީ ކުރާނެ ބަޔަކު އެމްޓީސީސީ އިން ހޯދަނީ ސަބްލީސް އެގްރިމަންޓްއެއްގެ ދަށުންނެވެ.
މީގެ ކުރިން އެމްޓީސީސީ އިން ހުޅުވާލާފައި ވަނީ އެ ކުންފުންޏާ ގުޅިގެން ފޮއްތެޔޮ ތަރައްގީ ކުރުމަށެވެ.
ކުރީގެ ސަރުކާރުން އެ ރަށް އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވީ ނަމަވެސް އެ މައްސަލަ އޭސީސީ އިން ބެލުމަށް ފަހު އެމްޓީސީސީ އަށް އަންގާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ވާތީ އެ ރަށް އަލުން ބީލަމަށް ލުމަށެވެ.