15 May 2014, 09:36
ފީފާ ރޭންކިންގައި ރާއްޖެއަށް ވުރެ 20 ދަރަޖަ ފަހަތުގައި އޮތް މިޔަންމާ ޗެލެންޖުޕަކަށް ނުކުތީ 2008 އެވެ. 2010 ވަނަ އަހަރު ވެސް އެ ޓީމު ވަނީ ޗެލެންޖު ކަޕަށް ކޮލިފައިވެފައެވެ. މިޔަންމާ ޓީމު މުބާރާތަށް ކޮލިފައިވި ދެ ފަހަރު ވެސް ވަނީ، ތިން ވަނަ ހޮވާ މެޗުން ބަލިވެ މުބާރާތުގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ. ޗެލެންޖު ކަޕުގައި މިޔަންމާ ވަނީ 10 މެޗު ކުޅެ، ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ. އަދި ހަ މެޗުން ބަލިވެ، 12 ގޯލް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. ޗެލެންޖުކަޕުގައި އެ ޓީމު ކޮޅަށް 16 ގޯލް ވަދެފައިވެ އެވެ.
މި މުބާރާތުގެ ޗެންޕިއަންކަން ލިބޭ ޓީމަކަށް އޭޝިއަން ކަޕުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާއިރު، 1968 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި މިޔަންމާ ވަނީ ވާދަކޮށްފަ އެވެ.
ރާއްޖޭގައި ބާއްވާ ޗެލެންޖު ކަޕަށް މިޔަންމާ ނުކުންނަ އިރު އެ ޓީމުން ވަނީ އާ ކޯޗަކު ހޯދާފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ޓީމާ ހަވާލުވި އާ ކޯޗަކީ ސާބިޔާގެ ރައްޔިތެއް ކަމަށްވާ ރަޑްކޯ އަވްރަމޯޗް އެވެ. އޭނާ ކުރިން ވަނީ ސިންގަޕޫރާއި އޮމާން އާއި ކުވައިތުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
އެންމެ ފުރަތަމަ މިޔަންމާއިން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއް ކުޅެފައި ވަނީ މާޗް 6، 1951 ގަ އެވެ. އޭރު އެ ޓީމު ނުކުތީ އިރާނާ ދެކޮޅަށެވެ. އެ މެޗުން 2-0 ލަނޑުން މިޔަންމާ ވަނީ ބަލިވެފައެވެ.
މިޔަންމާ ޓީމު އެންމެ ބޮޑު ބައްޔެއް ވެފައި ވަނީ ނޮވެމްބަރު 25، 1977 ގައި މެލޭޝިޔާގެ ގައުމީ ޓީމު އަތުން 9-1 އިންނެވެ. އެންމެ ބޮޑު މޮޅެއް ހޯދާފައި ވަނީ މޭލޭޝިޔާގެ ކުއަލަލަންޕޫރުގައި ނޮވެމްބަރު 9، 1969 ގައި ސިންގަޕޫރާ ވާދަކޮށް 9-0 ލަނޑުންނެވެ.
މިޔަންމާ ވަނީ ސަރަހައްދީ މުބާރާތްތަކުގައި ގިނަ ތަފާތު ތަޖުރިބާތަކެއްކޮށްފަ އެވެ. މިޔަންމާ ވަނީ 1972 ވަނަ އަހަރުގެ ސަމާ އޮލިންޕިކްސްގައި ވެސް ބައިވެރިވެފަ އެވެ. އަދި 1960 އާއި 1970 އާ ދެމެދުގެ އަހަރުތަކާ ހަމަޔަށް ސައުތު އީސްޓް އޭޝިޔާ ރީޖަންގެ ފުޓުބޯޅަ ޑޮމިނޭޓްކޮށްފައި ވަނީ މިޔަންމާ އެވެ. އެގޮތުން 1965 އަހަރާއި 1966 ވަނަ އަހަރާއި 1971 އާއި 1973 އަހަރު ސައުތު އީސްޓް ގޭމްސްގައި އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި އޮތީ މިޔަންމާ އެވެ.
މިޔަންމާ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ 2001 ވަނަ އަހަރު އެވެ. އަދި 1961 ވަނަ އަހަރު އީރާނުގައި ބޭއްވި އޭޝިއަން ކަޕް ފައިނަލްގައި ވާދަކޮށް މިޔަންމާއަށް ދެވަނަ ވަނީ ލިބިފަ އެވެ. 1951 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި ކުއާޓާ ފައިނަލަށް މިޔަންމާ ގޮސްފައިވެ އެވެ. 1964ގައި ފިލިޕީންސްގައި ބޭއްވި އޭޝިއަން ގޭމްސްގައި ތިން ވަނަ ހޯދާފައިވެއެވެ. އަދި 1974 ވަނަ އަހަރު އިރާނުގައި ބޭއްވި އޭޝިއަން ގޭމްސުން ދެ ވަނަ ހޯދި އެވެ. އޭޝިއަން ގޭމްސުން 1966، 1970 ގައި ޗެމްޕިއަންކަން ވެސް މިޔަންމާ ވަނީ ހޯދާފަ އެވެ.
މި ފަހަރުގެ މުބާރާތަށް ބަލާ އިރު މިޔަންމާ ޓީމަކީ ވެސް ތަށްޓަށް ވާދަކުރާނެ ފެންވަރު ހުރި ޓީމެކެވެ. މިދިޔަ އަހަރުގެ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާ ގްރޫޕު ސްޓޭޖުގައި ވާދަކުރި ޔަންގޮން ޔުނައިޓެޑްގެ ގިނަ ކުޅުންތެރީން ތަކެއް މިޔަންމާ ޓީމުގައި މިހާރު ވެސް ހިމެނެއެވެ.
މި ފަހަރުގެ މުބާރާތް ރަސްމީކޮށް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ރާއްޖެ ފުރަތަމަ ވާދަކުރާނީ މިޔަންމާ ޓީމާ އެވެ.