ރާއްޖޭގައި މަތީ ސާނަވީ ތައުލީމު ދިނުމަށް ހުޅުވި ފުރަތަމަ އަމިއްލަ ސްކޫލް ކަމަށްވާ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އަށް މިއަހަރު 240 އަށްވުރެ ގިނަ ދަރިވަރުން އަލަށް ގުޅިއްޖެ އެވެ.

ވީއައިއެޗްއެސް ގެ ޕްރިންސިޕަލް ސައީދު އަހުމަދު ސަން އަށް ވިދާޅުވީ، މިއަހަރު ޖޫން މަހު އެ ސްކޫލް އެއް ދަންފަޅި އަކަށް ބަދަލުކުރުމަށް ނިންމާފައިވާތީ، ކުދިން ނަގާފައިވަނީ އެކަމަށް ވިސްނައިގެން ކްލާސްތަކަށް ކުދިން ގިނަ ނުވާނެ ގޮތަށް ކަމަށެވެ.

އެގޮތުން މިއަހަރު އެ ސްކޫލަށް 247 ދަރިވަރަކު މުޅިން އަލަށް ރެޖިސްޓްރީ ވެފައިވާ ކަމަށާއި ނަމަވެސް އެ އަދަދު އަދި އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްކޫލްގައި ކިޔަވައިދޭން ފެށުމަކީ އެ ސްކޫލްގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އެގޮތުން މިއަހަރު އަލަށް ގުޅުނު ކުދިންގެ ކިޔެވުން ޖޫން މަހު ފަށާއިރު، އެކުދިން ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ތައާރަފްކުރާ އެއް ކަމެއްމީ އެންޑްރޮއިޑް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުން މިއީ. މިހާރު ގްރޭޑް 11 އަށް ވަންނަ ކުދިންނާއި އެކު މި އުސޫލުން ކިޔަވައިދޭން އަޒުމް ކަނޑައަޅާފަ މިއޮތީ. އެކަމަށް ޓީޗަރުންނަށް ބޭނުންވާ ތަމްރީން ދޭން ފަށައިފިން މީގެ އެތަށް މަހެއް ކުރިން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބެލެނިވެރިންނަށް ހާއްސަކޮށްގެން "ޕޭރަންޓް ޕޯޓަލް" އެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބެލެނިވެރިންނަށް ކުދިން ސްކޫލްގައި އުޅޭ ނޫޅޭ ގޮތް އޮންލައިންކޮށް ބަލާލެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބެލެނިވެރިން އަވަދިނެތި އުޅޭ އިރުވެސް ލެޕްޓޮޕަކުން ދަރިފުޅު މިއަދު ސްކޫލަށް ހާޒިރުވިތޯ ނުވަތަ ނޫންކަން. ހާޒިރުވާންޖެހޭ ހުރިހާ ކްލާހަކަށް މިއަދު ހާޒިރުވިކަން ނުވަތަ ނޫންކަން ބަލާލެވޭނެ ގޮތެއް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ޖޫންގައި ކިޔެވުން ފެށުމުގެ ކުރިން އެކަން ނިންމޭނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިއަހަރު ވިލާ ސްކޫލަށް އަލަށް ގްރޭޑް 11 އަށް އަތޮޅު ތެރޭގެ ސްކޫލްތަކުން 86 ދަރިވަރަކު ގުޅިފައިވާއިރު، މާލޭ ސްކޫލްތަކުން 159 ދަރިވަރަކު ވަނީ ގުޅިފަ އެވެ. އެއީ 125 ފިރިހެން ދަރިވަރުންނާއި 122 އަންހެން ދަރިވަރުންނެވެ.

ވިލާ ވިލާ ސްކޫލުން ބުނީ، އެ ސްކޫލަށް އަލަށް ގުޅުނު ކުދިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް އަންނަ ހަފްތާއިން ފެށިގެން ޖޫން މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން 2010 ވަނަ އަހަރު ހުޅުވި ވިލާ އިންޓަނޭޝަނަލް ހައި-ސްކޫލުގައި މިހާރު ގްރޭޑް 11 ގައި 440 ދަރިވަރުން ކިޔަވަމުންދާއިރު، ގްރޭޑް 12 ގައި 530 ދަރިވަރުން ކިޔަވަމުންދެ އެވެ.