15 May 2014, 09:19
ކިޔެވް (މޭ 15) : ޔުކްރޭން ސިފައިންގެ އަށް މީހުން މަރާލައިފި ކަމަށް އެގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފި އެވެ.
އަވަށްޓެރި ރަޝިޔާ އަށް ތާއީދުކުރާ މިޖަމާއަތްތަކުން ބުނީ މި އަށް މީހުން މަރާލާފައި ވަނީ ޔުކްރޭންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ސްލޮވިޔަންސިކްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު، ރޭ އިރާކޮޅު، ހިނގި ކުރިމަތިލުންތަކެއްގައި ކަމުގަ އެވެ. މިކުރިމަތިލުންތައް ހިނގީ ސަރުކާރު ސިފައިން ކުއްލި ހަމަލާތަކެއް ދިނުމުން ކަމަށާއި މިކުރިމަތިލުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ ސަރުކާރު ސިފައިން ކަމަށް ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އެކްޓިވިސްޓް ލީޑަރެއް ކަމަށްވާ ވިޔަޝިސްލާވް ބޮނޮމަރިޔޯވް ވިދާޅުވި އެވެ.
ޔުކްރޭންގެ ސަރުކާރު ސިފައިންނާއި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފައިމިވަނީ އެގައުމަށް ސުލްހަ ގެނައުމަށް ޓަކައި އިދިކޮޅު ޖަމާއަތްތަކާއި ވަގުތީ ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހުޅަނގުންމެދުވެރިއެއްގެބައި އަދާކުރާ ސުލްހައިގެ މިވާހަކަތައް މިއަދު ފެށުމަށް ހަމަޖެހިފައިވާ އިރު މިކުރިމަތިލުންތަކާ ގުޅިގެން މިވާހަކަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ.
ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އެގައުމުގެ އިރުމަތީ ދެ ސަރަހައްދު ކަމަށްވާ ދޮނިތްސިކް އާއި ލޮހާންސްކް، ޔުކްރޭންގެ ދައުލަތުން ވަކިވެ މިނިވަންކަން އިޢުލާން ކުރަންފެނޭތޯ ބެލުމަށް މިދިޔަ ހޯމަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ދެ ސަރަހައްދުގެ ރައްޔިތުންގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ މިނިވަންކަން އިޢުލާން ކުރުމަށް ކަމަށް މިވޯޓު އިންތިޒާމްކުރުމުގައި އިސްކޮށްއުޅޭ ފަރާތްތަކުންވަނީ ބުނެފަ އެވެ.
މިވޯޓާ އެކު ދޮނިތްސިކް އާއި ލޮހާންސްކް، މިނިވަންކަން އަމިއްލަ އަށް އިއުލާންކޮށްފައިވާ އިރު އެ ދެ ސަރަހައްދު ކޮންޓްރޯލްކުރާ ޖަމާއަތްތަކުގެ ލީޑަރުން ވަނީ މިނިވަން ދެދައުލަތުގެ ގޮތުގައި އެދެސަރަހައްދު ރަޝިޔާއާ އެކު އިއްތިޙާދީ އެއްބަސްވުމެއްގައި ސޮއިކުރަން މަސައްކަތްކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. ޔުކްރޭނުގެ ސަރަހައްދެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިޔާ ވެސް ވަނީ މިއުސޫލުގެ މަތިން މިނިވަންކަން އިއުލާންކޮށް ރަޝިޔާއާ އެކު އިއްތިޙާދީ އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔަން ފެޑަރޭޝަންގެ ބަޔަކަށްވެފަ އެވެ.
ޔުކްރޭންގެ މައްސަލަތަކަށް ހައްލެއް ގެނެވޭނީ މިމަހުގެ 25ގައި އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށްފަހުގައި ކަމަށް ހުޅަނގުގެ ގައުމުތަކުން ދެކެ އެވެ. ނަމަވެސް ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ރަޝިޔާ އިން ވަނީ މިއިންތިޚާބު ބާއްވަނީ ޔުކްރޭންގެ އިންތިޚާބީ ވެރިކަން ޣައިރުގާނޫނީ ގޮތުން ވައްޓާލުމަށް ފަހު ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށްވާތީ މިއިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމުގެ އިޝާރާތްތަކެއް ދީފަ އެވެ. އަދި ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުންވަނީ މިއިންތިޚާބުގައި ބައިވެރި ނުވުމަށް ވެސް ނިންމާފަ އެވެ. (ނޫސްއެޖެންސީތައް)