އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޓްރޭޑާސް ހޮޓަލްގައި ކޭމްޕް ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މާލޭގައި ހުރި ފަސް ތަރީގެ އެންމެ އަގުބޮޑު ހޮޓަލުގައި ގައުމީ ޓީމުގެ ކުޅުންތެރިން މާދަމާ ހެނދުނުން ކޭމްޕު ކުރުމަށް ހަމަޖެހިފައިވާއިރު، މިރޭ ވެސް ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން އެ ހޮޓަލުގައި ވަނީ ކޭޕްކޮށްފަ އެވެ.

އެފްއޭއެމުން ބުނީ، ގައުމީ ޓީމުގެ ނުވަ ކުޅުންތެރިން މިރޭ ވެސް ޓްރޭޑާސް ހޮޓަލްގައި ކޭމްޕް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ހިމެނެ އެވެ. އަދި ޓީމުގެ ބާކީ ތިބި ކުޅުންތެރިން ކޭމްޕް ކުރާނީ މާދަމާ ހެނދުނު ކަމަށް އެފްއޭއެމުން ބުންޏެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަ ކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިޒްގިސްތާނެވެ. މި ގްރޫޕުގައި ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ގައި ކުޅޭނީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅޭނީ ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅެން ހަމަޖެހިފައި ވަނީ ފަލަސްތީނާ ދެކޮޅަށެވެ.

ރާއްޖެއާއެކު ގްރޫޕް އޭ ފަޅިން މުބާރާތުގައި ވާދަކުރާ މިޔަންމާ އަންނަ ހުކުރު ދުވަހު މާލެ އައުމަށް ހަމަޖެހިފައި ވާއިރު، ރާއްޖެ ގްރޫޕްގައި ހިމެނޭ ކިޒްކިސްތާން މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ރާއްޖެ ފަޅީގައި ހިމެނޭ ފަލަސްތީން މާލެ އަންނާނެ ވަކި ދުވަހެއް އެފްއޭއެމްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.