އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުރިއަށްދާއިރު މަގު ބަންދުކުރުމާއި ވެހިކަލް ޕާކުރުމަށް ހަމަޖެހިފައިވާ ގޮތް ތަކުގެ މައުލޫމާތުތައް ފުލުހުން މިރޭ އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ، މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި މެޗް ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ދެ ގަޑިއިރު ކުރިން ގަލޮޅު ދަނޑުގެ ވަށައިގެންވާ މަގުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށް ދަތުރު ނުކުރެވޭގޮތަށް ބަންދުކުރެވޭނެ ކަމަށެވެ.

މުބާރާތުގެ މެޗްތައް ކުރިއަށްދާ ދުވަސްތަކުގައި ގަލޮޅު ދަނޑު ހިމެނޭ ސަރަޙައްދުގައި ޕާކްކުރުން މަނާ ހިސާބުތަކަކީ މަޖީދީމަގު ބަނަފްސާމަގު ގުޅުނު ހިސާބުން ފެށިގެން މަޖީދީމަގު ޝަބްނަމްމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތަ ކާއި ބަނަފްސާމަގު މަޖީދީމަގު ގުޅުނު ހިސާބުން ފެށިގެން ބަނަފްސާމަގު ސަހަރާމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތަކުގެ އިތުރުން ޝަބްނަމްމަގު މަޖީދީމަގާއި ގުޅުނު ހިސާބުން ފެށިގެން ޝަބްނަމްމަގު ބޮޑުރަސްގެފާނުމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތަކެވެ.

ފުލުހުން ބުނީ މަޖީދީ މަގު ދަނޑު ކައިރި އަކީ އެމްބިއުލާންސް، ފަޔާ ލޮރީ އަދި ޓީމްތަކުގެ އެސްކޮޓްގައި ހަރަކާތްތެރިވާ ވެހިކަލްތައް މަޑުކޮށްގެން ތިބުމަށް ވަނީ ހާއްސަކުރެވިފައެވެ.

މުބާރާތުގެ މެޗްތައް ބެލުމަށް ދަނޑަށް ވަޑައިގަންނަވާ ބޭފުޅުންގެ އުޅަނދުތައް ޕާކްކުރުމަށް ހުއްދަކުރެވިފައިވާ ސަރަހައްދުތަކުގެ ޗާޓްގެ ފޮޓޯ ތިރީގައި އެވަނީ އެވެ.

ފުލުހުން ބުނީ މުބާރާތުގެ މެޗްތައް ކުރިއަށްދާ ވަގުތުގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަންދުކުރުމުން އާއްމު އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ މަގުތަކުގެ ތެރޭގައި ގަލޮޅު ދަނޑުގެ ހުޅަނގުން އަލިކިލޭގެފާނުމަގުން ދަތުރުކުރެވޭ އިރު، ދަނޑުގެ އިރުން ސޯސަންމަގުން އުޅަނދުތަކަށް ދަތުރުކުރެވޭނެއެވެ. އަދި މާފަންނުން ހެންވޭރަށް ދަތުރުކުރާ އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނީ އަމީރުއަހުމަދުމަގު އަދި ބޮޑުތަކުރުފާނުމަގުންނެވެ.

ލޮނުޒިޔާރަތްމަގާއި އަމީނީމަގުންވެސް ދަތިކަމެއްނެތި ދަތުރުކުރެވޭނެއެވެ. ހެންވޭރުން މާފަންނަށް ދަތުރުކުރާ އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނީ މެދުޒިޔާރަތްމަގު އަދި ބޮޑުތަކުރުފާނުމަގުންނެވެ.

ބޮޑުރަސްގެފާނުމަގާއި ބުރުޒުމަގާއި އަމީނީމަގުންވެސް ދަތިކަމެއްނެތި އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
https://www.youtube.com/watch?v=1n4PPC68lPQ