14 May 2014, 22:14
މިހާރު ކުރިއަށްދާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އިންޑިވިޖުއަލް ހުރިހާ އިވެންޓެއްގެ ފައިނަލްތަކުން ކުޅުންތެރިން ޖާގަ ކަށަވަރުކޮށްފި އެވެ.
މިއަދު ހަވީރު ނިންމާލި ޑަބަލްސް އިވެންޓުގެ ފިރހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަކަށަވަރުކުރީ ކަސްޓަމްސްގެ އާދަމް ސޮލާހާއި އަބްދުﷲ ރަޝީދު ބަލިކޮށް އެމްޕީއެލްގެ ސާލިމް އަދުންއާއި ހަސަން އިޒްހާމް އެވެ. ދެވަނަ ޖާގަކަށަވަރުކުރީ އޮޑިޓް އޮފީހުގެ އައްވާމް މުހައްމަދާއި އަހުމަދު ޝަރީފް ބަލިކޮށް އެމްބީސީގެ އިސްމާއިލް އަޒްމީނާއި މަހުދީ ފަރުޒާނެވެ.
އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަކަށަވަރުކުރީ އެމްބީސީގެ ހައްވާ ފަސާނާ އާއި އައިމިނަތު ނުހާ ބަލިކޮށް އޮޑިޓް އޮފީހުގެ ފާތިމަތު ނުޒުހާއާއި ޝިފްނާ މުހައްމަދެވެ. ދެވަނަ ޖާގަކަށަވަރުކުރީ އެޗްޑީސީގެ އިލްހާމް މުހައްމަދާއި ފާތިމަތު ޒީޝާން ބަލިކޮށް އެމްއެންޑީއެފްގެ އައިމިނަތު އަލީ އާއި ވަސީމާ ރައުފް އެވެ.
ފިރިހެން ސިންގަލްސް ފައިނަލުން ޖާގަކަށަވަރުކޮށްފައިވަނީ އެމްޕީއެލްގެ އިބްރާހިމް ލިފާއު އާއި އެމްބީސީގެ އިސްމާއިލް އަޒްމީނެވެ. އަންހެން ސިންގަލްސް ފައިނަލަށް ހޮވިފައިވަނީ ޕޮލިސް ސާވިސްގެ ނަފްހާ ހަސަން އާއި އެމްއެންޑީއެފްގެ އައިމިނަތު އަލީއެވެ. އޯޕަން ސިންގަލްސް ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެމްޕީއެލްގެ މުހައްމަދު މުންތަސިރާއިއެމްއޭސީއެލްގެ އަލީ ހަސަން އެވެ.
މުބާރާތުގެ ހަ ދުވަހުގެ ކުޅުން ނިމިފައިވާ މިމުބާރާތުގައި މިރޭ އެންމެ މުހިއްމު އަދި އެންމެ ފޯރިގަދަ އިވެންޓުގެ ކަމަށްވާ ޓީމް އިވެންޓުގެ ކުޅުން ފެށްޓުމަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ބައިގައި ހިމެނޭ 17 ޓީމް ހަތަރު ގުރޫޕަކަށް ބާހާލައިގެން ކުޅޭ ފިރިހެން ޓީމް އިވެންޓުގައި ކޮންމެ ގުރޫޕަކުންވެސް ދެ ޓީމް ކުއާޓާ ފައިނަލަށް ހޮވޭނެއެވެ. އަދި އަންހެން ބައިގައި ހިމެނޭ ނުވަ ޓީމް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އަންހެން ޓީމް އިވެންޓުގައި ކޮންމެ ގުރުޕަކުން ދެ ޓީމް ސެމީ ފައިނަލަށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.