ފަސްލައްކަ ރުފިޔާއަށްވުރެ އިތުރުވާ އާމްދަނީއަކުން ފަސް ޕަސެންޓްގެ ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.


ރައްޔިތުންގެ މުޅި މަޖިލިސް އާއްމު ކޮމިޓީއަށް ބަދަކޮށްލައިގެން އެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްފަހު، އެކުލަވާލާފައިވާ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން އެ ވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 58 މެންބަރުން ބިލު ފާސްކުރެއްވުމަށް ވޯޓު ދެއްވި އެވެ.


މި ބިލަށް ހުޅުވާލެއްވި ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.


ޑީއާރުޕީގެ މެންބަރު، މާފަންނު ހުޅަނގު ދާއިރާގެ  އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، ފަސްލައްކަ ރުފިޔާއަށްވުރެ މަތިނަމަ އިތުރުވާ އަދަދުން ފަސް ޕަސެންޓްގެ ޓެކްހެއް ވިޔަފާއިރަކުން ނެގުމަށް މި ބިލުގައި ފާސްކޮށްފައި ވީނަމަވެސް މި ބިލުގައިވާ ބައެއް ކަންތައްތައް މާނަ ކުރުމަށް ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ދިމާވެފައި މިވާ ހާއްސަ ހާލަތަށް ރަނގަޅު ގޮތްތަކެއް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ބިލުގައި ބަޔާންކުރާ ޓެކްސްގެ މިންވަރު ފަސް ލައްކަ ރުފިޔާގެ ފައިދާއެއް ވަނީނަމަ އިތުރުވާ އަދަދުން މިނެގެނީ ފަސް ޕަސެންޓް. އެހެންނަމަވެސް ރާއްޖޭން ބޭރުގައި ވިޔަފާރި ކުރާ ކުންފުނިތަކުން ފަސްލައްކައަށްވުރެ އިތުރުވާ އަދަދަކުން 15 ޕަސެންޓް ޓެކްސް ނެގުމަށް ވެސް އެބައާދޭ. އެއީ ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކުން 15 ޕަސެންޓް ނަގާގޮތަށް ބިލުގައި ހިމަނާފައި ވަނީ. ނަމަވެސް މި ބިލުގައިވާ ބައެއް ކަންތައްތައް މާނަކުރާނެ ގޮތެއް ކަނޑައަޅަންޖެހޭ. އެއީ ބޭރުގެ ފަރާތްތަކަށް ވިއްކާލާފައިވާ ތަންތަނުން ނަގާނީ ފަސް ޕަސެންޓުތޯ ނުވަތަ 15 ޕަސެންޓްތޯ ނިންމަންޖެހޭ. އެކަންތައް މިގާނޫނުން އެހާ ސާފުވާކަށްނެތް. ހަމަ ގައިމުވެސް ދިރާގުން ނަގަންޖެހޭނީ 15 ޕަސެންޓް ޓެކްހެއް. އަދި މިގާނޫނުގައި ބޭންކް އޮފް މޯލްޑިވްސް އެއް ނުހިމެނޭނެ. އެއީ އެ ބޭންކުން ޕްރޮފިޓް ޓެކްސްގެ ގޮތުގައި 25 ޕަސެންޓް އެހެން ގާނޫނެއްގެ ދަށުން ސަރުކާރަށް ދައްކަމުންދާތީ"


ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ބިލުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބެނީ ކަސްޓަމްސް ޑިއުޓީން ކަމަށާއި، މި ބިލުގެ ސަބަބުން ކަސްޓަމްސް ޑިއުޓީއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ޖެނުއަރީމަހުން ފެށިގެން ޓެކްސް ނެގޭގޮތަށް ބިލުގައި ހަމަޖެހުނުނަމަ ސިވިލްސާވިސް މުވައްޒިފުންގެ މުސާރައިން އުނިކުރި ބައި ލިބުމަށް ފަސޭހަވެގެންދިޔަ ކަމަށާއި، ނަމަވެސް ޓެކްސް ނެގުމަށް ބިލުގައި ހިމަނާފައިވަނީ، ބިލު ތަސްދީގު ކުރާތާ ހަ މަސް ދުވަސް ފަހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޓެކްސް ނެގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ، ސަރުކާރުގެ އެއްވެސް ބާރެއްނެތް އެހެން ކަމުން މި ޓެކްސް ނެގުމުގެ ހުރިހާ ޒިންމާއެއް އިންލެންޑް ރެވެނިއުއިން އުފުލަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކަސްޓަމް ޑިއުޓީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެބަދަލުތައް ވީހާ އަވަހަކަށް ގެނައުމަށް އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މި ބިލު ދިރާސާ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް މެންބަރު މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ވިދާޅުވީ، މި ބިލުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ވެދާނެކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. މި ބިލު ވީހާވެސް އަވަހަކަށް ގާނޫނަކަށް ހެދުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައި ބިލުގައި ހިތްހަމަ ނުޖެހޭކަމެއް ވާނަމަ އެކަމަކަށް ފަހުން އިސްލާހް ހުށަހެލުމަށް ބިލު ފާސް ކޮށްދެއްވުމަށް ވެސް ގާސިމް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.


ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ޓެކްސްގެ ގާނޫނަށް އަމަލު ކުރަންޖެހޭއިރު އެކަމަށް ތައްޔާރުތޯ ބަލަންޖެހޭ ކަމަށެވެ. އަދި ޓެކްސް ނަގަން ފަށާއިރު، ތަކެއްޗަށް ބަލައި ކަސްޓަމްސް ޓެކްސް ނެގުމަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް ހަރުދަނާ އުސޫލެއް ހަމަނުޖައްސައިފިނަމަ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހުގެ ސަބަބުން ތަކެތީގެ އަގު އުފުލުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.