14 May 2014, 21:20
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީފައިނަލުން ރާއްޖެ ޖާގަ ހޯދައިފިނަމަ އެއް މިލިއަން ރުފިޔާގެ ފައިސާއެއް އިނާމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މުލިއާގޭގައި ގައުމީ ޓީމުގެ ކުޅުންތެރީންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން މިރޭ ވިދާޅުވީ ދިވެހި ގައުމީ ޓީމުގެ އުންމީދަކަށް ވާންޖެހޭނީ މިފަހަރު "ޗެލެންޖު ކަޕް" އުފުލާލުން ކަމަށެވެ. އަދި އެއް މެޗުން އަނެއް މެޗުން މޮޅުވުމަށް ވުރެ ބޮޑަށް "އުސް އުންމީދަކަށް" ޓާގެޓް ކުރަންޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
"އުންމީދުތައް ވާންޖެހޭނީ އުސް އުންމީދުތަކެއް ކަމަށް. އަޅުގަނޑުމެންގެ އަޒުމަކަށްވާންވާނީ މިފަހަރު ޗެލެންޖު ކަޕް އުފުލާލުން. އެ އަޒުމުގައި އެ އުންމީދުގައި ތިކުދިންނަށް ހިތްވަރު ދެމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރަމްޒީ ހަދިޔާއެކޭ އަޅުގަނޑުމެންނަށް އެރުވޭނީ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމަކީ ދުނިޔެ ގަބޫލު ކުރާ ފެންވަރުގެ ގައުމީ ޓީމަކަށް ވަރަށް އަވަހަށް ވާނެ ކަމުގެ ފޮނި އުންމީދު ކުރައްވާ ކަމަށާއި އެކަމަށް އަޅައިލެވޭ ފާލަމަކީ ޗެލެންޖު ކަޕުން މޮޅުވުން ކަމަށެވެ.
އަޅުގަނޑުމެން މި ކުރާ ކަމަކީ ދިވެހި ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ޖަހައިގެން ޒުވާނުންނަށް ފަހިކޮށްދެނީ. އެކަމަކު މިފަހަރު، އޭއެފްސީ ޗެލެންޖު ކަޕުގެ މެޗުތަކުގައި ދިވެހި ޓީމު، ސެމީން ޖާގަ ހޯދައިފިނަމަ އަޅުގަނޑު ޚިޔާރުކުރަނީ ދިވެހި ގައުމީ ޓީމަށް އެއް މިލިއަން ރުފިޔާގެ ހަދިޔާއެއް އަރުވަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ އެންމެ ފަހުރުވެރި ކުޅިވަރު ކަމަށާއި ވަރަށް ހަލަބޮލި ސިޔާސީ ދުވަސްތަކަކަށް ފަހު، ރާއްޖެ އިތުރަށް ބަދަހި ކުރުމަށްޓަކައި ޗެލެންޖް ކަޕްގެ ތަށި ރާއްޖެއިން މިފަހަރު އުފުލާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެެވެ. އަދި ފުޓްބޯޅައިގައި ދުނިޔެ ގަބޫލުކުރާ ފެންވަރަށް މާގިނަ ދުވަސްތަކެއް ނުވެ ރާއްޖެއަށް ދެވިދާނެ ކަަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތް ރާއްޖޭގައި ސުލްހަވެރި ކަމާއެކު ކުރިޔަށް ގެންދިޔުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީންނާއި އެފްއޭއެމްގެ އިސްވެރިން ކުރަމުން އަންނަ ބުރަަ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއިން އަމާޒު ހިފަންވީ ކުރި ބޯއްޓަށް. ރާއްޖެއިން އަމާޒު ހިފަންވީ އެއް މެޗަށްފަހު އަނެއް މެޗަކަށް ނޫން. ގައުމީ ޓީމުން އަމާޒު ހިފަންވާނީ މިފަހަރުގެ ޗެލެންޖް ކަޕް އުފުލާލަން. އެކަން އަޅުގަނޑުމެންނަށް ހާސިލް ކުރެވިދާނެ. ރާއްޖޭގެ ރައްޔިތުންގެ ޖޯޝް ގުޅިފައި އޮތީ ދިވެހި ފުޓްބޯޅައަށް. ގައުމީ ފުޓްބޯޅަ ޓީމުން ދިވެހި ރައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އުންމީދަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
ގައުމީ ޓީމާއެކު ރައީސް ޔާމީން މިރޭ ބޭއްވި ހަފްލާގައި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް އެމަނިކުފާނަށް އެފްއޭއެމް އިން ވަނީ ދައުވަތު އަރުވާފަ އެވެ. އަދި ގައުމީ ޓީމުގެ ޖާޒީ އެއްވެސް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ރައީސް ޔާމީންއަށް އަރުވާފައެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ގްރޫޕް ފޮޓޯއެއް ނެގުމުގެ އިތުރުން، ރައީސް ޔާމީން ގައުމީ ޓީމަށް ދެއްވި ހާއްސަ ފަރިއްކޮޅެއް ވެސް މިރޭ މުލިއާ ގޭގައި އޮތެވެ.