14 May 2014, 20:25
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި، ދުނިޔޭގެ ގައުމުތަކުން ދިވެހިންނަށް ތައުރީފް ކުރާފަދަ ގޮތަކަށް ހުރިހާ ދިވެހިންގެ އަމަލުތައް ވެސް ބަހައްޓަންޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނާއި ގުޅިގެން ދެއްވި ބަސްދީގަތުމެއްގައި ސީޕީ ވަހީދު ވިދާޅުވީ، ދިވެހިންނަކީ ކޮންމެ ވަގުތެއްގައިވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކުވައިދޭ ރީތި ނަމާއި ޝަރަފު ހޯދައިދޭ ބައެއްކަމަށެވެ.
އެގޮތުން ރާއްޖޭގައި މިފަހަރު ބާއްވާ ޗެލެންޖް ކަޕް ނިމިގެންދާއިރު، އެ ތައުރީފް ދުނިޔޭގެ ގައުމުތަކުން ލިބޭނެ ގޮތަކަށް ހުރިހާ ދިވެހިންގެ އަމަލުތައް ބެހެއްޓުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، ކުޅުންތެރިންނާއި މެޗް ބައްލަވާ ބޭފުޅުންވެސް މެޗްތައް ހިނގަމުންދާ ވަގުތުތަކުގައި ކެތްތެރިކަމާއެކު އަމަލު ކުރުމަށާއި، ވަކިން ހާއްސަކޮށް ދިވެހި ޓީމު ކުޅޭ ދުވަސްތަކުގައި އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ފުރިހަމަ މެހްމާންދާރީ ދައްކައި ސަޕޯޓް ކުރުމުގައިވެސް ކުޅިވަރުގެ ރީތި ރޫހު ގެއްލިގެން ނުދާނެގޮތަކަށް ސަޕޯޓް ކުރުމަށް ސީޕީ އެދިވަޑައިގެންނެވި އެވެ.
މާލެ އާއި އައްޑޫ ސިޓީގައި މުބާރާތުގެ މެޗްތައް ކުޅެމުންދާއިރު ފުލުހުން ވަރަށް ފުރިހަމަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ފާހަގަކުރައްވައި ސީޕީ ވަހީދު ވިދާޅުވީ، މުބާރާތުގެ މެޗްތައް ކުޅޭ ހުރިހާ ދުވަސްތަކެއްގައި ވެސް މާލެއާއި އައްޑޫ ސިޓީގެ ގިނަ މަގުތަކެއް ފުލުހުން ބަންދުކުރާނެކަމަށެވެ.
މީގެ އިތުރުން، މުބާރާތުގެ މެޗްތައް ކުޅޭ ގަލޮޅު ސްޓޭޑިއަމް އާއި އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް ހިމެނޭ ސަރަހައްދު އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކަށް ޕާކް ނުކުރެވޭނެގޮތަށް ބަންދު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ހުރިހާ ދިވެހިންވެސް ފުލުހުންނަށް އެއްބާރުލުން ދެއްވުމަށްވެސް ސީޕީ ވަހީދު އެދިވަޑައިގަތެވެ.
"ހުރިހާ ރައްޔިތުންވެސް އެދުވަސްތަކުގައި ފުލުހުންނަށް އެއްބާރުލުން ދެއްވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓިގެންދާނެގޮތަށް މަގުތައް ބޭނުންކުރުމަށް އެދެން،" އޭނާ ވިދާޅުވެފައިވެ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވިގެން މިދަނީ ވަރަށް ތާރީހީ ވަގުތެއްގައި ކަމަށާއި މިއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހި ފުލުހުންގެ ހުރިހާ ވިންދަކާއި ހުރިހާ އެއްބާރުލުމެއް ޤައުމީ ފުޓުބޯޅަ ޓީމާއެކުގައި ވާކަމަށެވެ.